އީރާނުން އިސްރާއީލުގެ މެދުތެރޭގެ ސަރަހައްދަކަށް އަމާޒުކޮށް ދިން ނުރައްކާތެރި މިސައިލް ހަމަލާއެއްގައި ނުވަ މީހުން މަރުވެ، ގިނަ ބަޔަކަށް އަނިޔާވެއްޖެއެވެ.
އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނުގެ މި ބެލިސްޓިކް މިސައިލް އަމާޒުވެފައިވަނީ ބެއިޓް ޝަމޭޝް ސަރަހައްދަށެވެ. މި ހަމަލާ ދިފާއުކޮށް ވައިގެ ތެރޭގައި ގޮއްވާލުމަށް އިސްރާއީލުގެ އަސްކަރިއްޔާ ނުކުޅެދިފައިވާއިރު، މިއީ ފަހުގެ ތާރީޚެއްގައި އެގައުމުގެ މެދުތެރެއަށް އަމާޒުވި އެންމެ ވަރުގަދަ އެއް ހަމަލާ ކަމަށް ބެލެވެއެވެ.
އިސްރާއީލުގެ މޭގަމް އެޑޮމް އެމްބިއުލާންސް ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާގައި މަރުވި މީހުންގެ އަދަދު ވަނީ ނުވަޔަކަށް އަރާފައެވެ. އަދި މި ހަމަލާގައި އިތުރު 27 މީހަކަށް އެކިވަރުގެ ޒަޚަމްތައް ލިބިފައިވާއިރު، އޭގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.
މި ހަމަލާ ހުއްޓުވުމުގައި އިސްރާއީލުގެ ދިފާއީ ނިޒާމުތައް ފެއިލްވި ސަބަބު ދެނެގަތުމަށާއި، ހާދިސާގެ އިތުރު ތަފްސީލު ހޯދުމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ޚާއްސަ ތަހުގީގެއް މިހާރު ވަނީ ފަށާފައެވެ.
ކޮމެންޓު ފޮނުވާ