މާލޭ ބޮޑުތަކުރުފާނު މަގު، ބްރިޖު ލައިޓު ކައިރީގައި ދާދި ފަހުން ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި، ސައިކަލު ދުއްވަން އިން އުމުރުން 19 އަހަރުގެ ޒުވާނާ ހަރުކަށި ޝަރުތުތަކަކާއެކު ކޯޓުން ދޫކޮށްލައިފިއެވެ.
މި މަހުގެ 24 ވަނަ ދުވަހުގެ ދަންވަރު ހިނގި މި ހިތާމަވެރި ހާދިސާގައި، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލު ކޮންޓްރޯލުން ނެއްޓި ޕޭމަންޓު މައްޗަށް އެރުމުގެ ސަބަބުން، ސައިކަލުގެ ފަހަތުގައި އިން 16 އަހަރުގެ ކުއްޖާ ވަނީ ނިޔާވެފައެވެ. އެ ކުއްޖާ ނިޔާވީ އެކްސިޑެންޓުގައި ލިބުނު ބޮޑެތި އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. މި މައްސަލައިގައި ހިމެނޭ ސައިކަލު ދުއްވަން އިން މުޙައްމަދު އާދިން އާރިފް (19 އ) އަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫންކަން ފުލުހުން ވަނީ ކޯޓުގައި ހާމަކޮށްފައެވެ.
އާދިންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ ބުނެފައިވަނީ މިއީ ގަސްތުގައި ހިންގި އަމަލެއް ނޫން ކަމަށާއި، ދެ ރަހުމަތްތެރިން ސައިކަލުގައި ދަނިކޮށް ދިމާވި މި ހާދިސާގައި އެކުވެރިޔާ ނިޔާވުމުން އެކަމާ ނުހަނު ހިތާމަކުރާ ކަމަށެވެ. އަދި އާދިންއަށް ވެސް އަނިޔާތަކެއް ލިބިފައިވާތީ އޭނާގެ ވަކީލުން ވަނީ ލުއި ގޮތެއް ހަދައިދިނުމަށް އެދިފައެވެ.
އާދިންއަށް ލިބިފައިވާ އަނިޔާތަކަށް ރިއާޔަތްކޮށް، އަދި ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދޭނަމަ އޭނާ ދޫކޮށްލުމަށް ފުލުހުން އިއުތިރާޒު ނުކުރުމުން، ކޯޓުން ނިންމީ ޝަރުތުތަކަކާއެކު އޭނާ ދޫކޮށްލުމަށެވެ. އެހެންނަމަވެސް، ކޯޓުން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެއިން ޝަރުތަކާ ޚިލާފުވެއްޖެނަމަ އަލުން ހައްޔަރުކޮށް ބަންދުކުރުމުގެ އިޚްތިޔާރު ފުލުހުންނަށް ލިބިގެންވާކަން ކޯޓު އަމުރުގައި ވަނީ ބަޔާންކޮށްފައެވެ.
ކޮމެންޓު ފޮނުވާ