ލާމަރުކަޒީ ނިޒާމަށް އެންމެ ފަރިތަ އަދި އެ ނިޒާމު ހިންގުމުގެ ޤާބިލުކަން ހުރި ޕާޓީއަކީ ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ކަމަށްވާތީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެ ޕާޓީއަށް ވޯޓު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ޕީއެންސީން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ޚާއްސަ މާހެފުމެއްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމާއި ރަށްރަށުގެ ތަރައްޤީގެ ކަންކަން ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމަށްޓަކައި ކައުންސިލްތަކުގެ އެއްބާރުލުން ސަރުކާރަށް ނުހަނު ބޭނުންވާ ކަމަށެވެ. މިގޮތުން ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުން އެދޭ ނަތީޖާ ނެރެދެވޭނީ އެ ނިޒާމަށް އަހުލުވެރި ބަޔަކަށް ކަމަށާއި، އެކަމަށް އެންމެ އެކަށީގެންވަނީ ޕީއެންސީ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށާއި، ރަށްރަށަށް ގެންނަން ބޭނުންވާ ހެޔޮ ބަދަލުތައް ގެނައުމަށްޓަކައި، ސަރުކާރާ ގުޅިގެން މަސައްކަތްކުރާނެ ކައުންސިލްތަކެއް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަކީ، ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް އޭގެ ފައިދާ ރައްޔިތުންނަށް ހޯދައިދިނުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅު ކަމުގައި ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ