ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ތާރީޚުގައިވެސް ހިއްސާގެ ފައިދާގެ ގޮތުގައި ދެވޭ އެންމެ ބޮޑު އަދަދު ބެހުމަށާއި، މިހާރު ތިބި ހިއްސާދާރުންނަށް ބޯނަސް ހިއްސާ ދޫކުރުމަށް އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފިއެވެ.
މިދިޔަ އަހަރު ބީއެމްއެލްއަށް ލިބުނު މާލީ ކުރިއެރުމާއެކު، ހިއްސާއަކަށް 60 ރުފިޔާގެ މަަގުން ޖުމްލަ 322.9 މިލިއަން ރުފިޔާ ބެހުމަށް ބޯޑުން ވަނީ ކަނޑައަޅާފައެވެ. މި ހުށަހެޅުން ފާސްކުރުމަށް ހަމަޖެހިފައިވަނީ ބޭންކުގެ އަހަރީ އާންމު ޖަލްސާގައެވެ. ފައިސާގެ އިތުރުން، މިހާރު ހިއްސާ އޮތް ފަރާތްތަކަށް އިތުރު ފައިދާއެއް ހޯދައިދިނުމުގެ ގޮތުން، ކޮންމެ ހިއްސާއަކަށް ބޯނަސް ހިއްސާގެ ގޮތުގައި އިތުރު ދެ ހިއްސާ ދިނުމަށްވެސް ބޯޑުން ވަނީ ނިންމާފައެވެ.
ބީއެމްއެލުން ހާމަކުރާ ގޮތުގައި މި ބަދަލުތަކާއެކު، 50 ރުފިޔާގެ މޫނުމަތީ އަގުގެ ހިއްސާގެ ބުކް ވެލިއު 1015.90 ރުފިޔާއަށް އަރާނެއެވެ. އެހެންކަމުން، މިއަހަރު ހިއްސާދާރުންނަށް ކޮންމެ ހިއްސާއަކަށް ޖުމްލަ 2091.80 ރުފިޔާގެ ނަފާއެއް ލިބިގެންދާނެ ކަމަށް ބޭންކުން ފާހަގަކުރެއެވެ. ބޯނަސް ހިއްސާ ދޫކުރުމުގެ މައިގަނޑު މަގުސަދަކީ ބޭންކުގެ މާކެޓް ކެޕިޓަލައިޒޭޝަން އިތުރުކޮށް، ހިއްސާދާރުންނަށް ލިބޭ ނަފާ ބޮޑުކުރުމާއި ރާއްޖޭގެ ހިއްސާގެ ބާޒާރު ފުޅާކުރުމަށް އެހީތެރިވުމެވެ.
މި ފައިދާތައް ލިބިގެންދާނީ "ބުކް ކްލޯޝަރ ޑޭޓް" ގެ ނިޔަލަށް ބޭންކުގެ ހިއްސާދާރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. މިއީ ބޭންކުގެ މާލީ ހާލަތު ރަނގަޅުވެ، ހިއްސާދާރުންނަށް ލިބޭ މަންފާ އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ބީއެމްއެލުން ދެކެއެވެ.
ކޮމެންޓު ފޮނުވާ