ވިހަ ގޭހެއް އެއްވެސް ވަރަކަށް ޖައްވަށް ދޫނުކުރާ، އަދި 1 މިލިއަން މީހުންނާ އަމާޒުކޮށްގެން، ސައުދީ އަރަބިއާގެ ހުޅަގު އުތުރުގެ ސަަރަަހަދެއްކަމުގައިވާ ނިއޯންގައި ބިނާކުރާ 'ހައި-ޓެކް' ސިޓީގެ ބިޔަ ޕްރޮޖެކްޓް ސައުދީ ވަލީ އަހުދު މުހަމަދު ބިން ސަލްމާން އިފްްތިތާހު ކޮށްދެއްވައިފިއެވެ.
'ދަ ލައިން’ގެ ނަމުން ނަން ދެވިފައިވާ، 1 މިލިއަން މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން، ޓެކްނޮލޮޖީގެ އާއުސްމިންތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ސިޓީ ތައްޔާރު ކުރެވިގެންދާނީ 179 ކިލޯމީޓަރަށް ދިގުދެމިގެންދާ ބެލްޓެއްގެ ގޮތުގައެވެ. އަދި މިސިޓީއަކީ، އެއްގޮތަކަށްވެސް، ކާރު ނުދުއްވާ އަދި ދުނިޔޭގެ އާބަން ސިޓީތަކުގައި ހަދާފައި ހުންނަ ކަހަލަ މަގުތަކެއްވެސް އެކުލެވިގެން ނުވާ، މި ސިޓީ ހެދޭ ސަރަހައްދުގެ ތިމާވެށީގެ %90 ހިމާޔާތް ކުރެވިގެން ބިނާ ކުރެވޭ ސިޓީއެއްކަމުގައިވެސް، މި ޕްޖެކްޓް އިފްތިތާހު ކުރައްވަމުން އާދީއްތަ ދުވަހު އާންމުކުރި ވީޑިއޯއެއްގައި މުހައްމަދު ބިން ސަލްމާން ވިދާޅުވެފައި ވެއެވެ.
މިސިޓީ އެކުލެވިގެންވަނީ، 179 ކިލޯމީޓަރުގެ ބެލްޓެއްގެ ގޮތުގައި، އަދި އިންޓަރނެޓްގެ ވަސީލަތުން (ހައިޕަރ ކަނެކްޓެޑް) ގުޅިލާމެހިފައިވާ އާބާދީތަކެއްގެ މައްޗަށެވެ. މި ބެލްޓު ބިނާ ކުރެވިގެންދާނީ ގުދުރަތީ ރީތިކަން ނުގެއްލޭނެހެން، ތިމާވެށީގެ %90 އަށް ގެއްލުން ނުދީއެވެ.
THE LINE is the first major urban development in 150 years not designed around roads. An invisible layer of infrastructure will enable building in and around nature rather than over it.
Welcome to the new future.
Welcome to THE LINE. #whatisTHELINE pic.twitter.com/CfkWwCrAdr— NEOM (@NEOM) January 11, 2021
"އަހަރުމެން ބޭނުންވޭ، އާންމުކޮށް ބިނާ ކުރެވެމުންދާ ކޮންވެންޝަނަލް ސިޓީތަކުގެ ކޮންސެޕްޓުން، މުސްތަގުބަލުގެ އުއްމީދުތަކާ ގުޅިފައިވާ ސިޓީތަކުގެ ކޮންސެޕްޓަށް ވާސިލްވާން،" 'ދ-ލައިން' ޕްރޮޖެކްޓް އިފްތިތާހު ކުރުމަށް ބޭއްވުނު ރައްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުހައްމަދު ބިން ސަލްމާން ވިދާޅުވިއެވެ.
"2050 ވަނަ އަހަރާ ހަމައަށް ދާއިރު، 1 ބިލިއަން މީހުން މިހާރު ދިރިއުޅެމުންދާ ސަރަހައްދު ނޫން އެހެން ސަރަހައްދު ތަކަށް ހިޖުރަކުރަން ޖެހޭނީ މޫދުގެ ލޮނުގަޑު އުފުލެމުން ދިއުމާ އަދި ކާބަންޑައި އޮކްސައިޑް ގޭހުގެ މިންވަރު ޖައްވުގައި އާދަޔާ ޚިލާފަށް އުފުލިގެން ދިއުމުގެ ސަބަބުން. %90 މީހުން އެހާތަނަށް ދާއިރު، ނޭވާ ލާނީ ތަޢައްޔަރު ވެފައިވާ ވައިގެ ބޭނުން ކޮށްގެން،" ސައުދީ ވަލީ އަހުދު ވިދާޅުވިއެވެ.
"ކީއްކުރަން ތަރައްގީގެ ދަހިވެތިކަމުގައި އަހަރުމެން ގުދުރަތީ މާހައުލުތައް ގުރުބާން ކުރަންވީ؟ ކީއްކުރަން ޖައްވު ނުސާފުވެ ވައި ތަޢައްޔަރު ވުމުގެ ސަބަބުން ކޮންމެ އަހަރަކު 7 މިލިއަން މީހުން މަރުވާންވީ؟ ކީކުރަން ކޮންމެ އަހަރަކުވެސް، މަގުމަތީ އެކްސިޑެންޓް ތަކުގެ ސަބަބުން 1 މިލިއަން މީހުން ދުނިޔެ ދޫކޮށްދާން އަހަރުމެން ފުރުސަތު ދޭންވީ؟ ކީއްކުރަން ވަޒީފާ އަދާކުރުމަށް، ދަތުރުފަތުރު ކުރުމުގައި އަހަރުމެންގެ ހަޔާތުގެ އަހަރުތައް ބޭކާރު ކުރަންވީ؟" 'ދަ-ލައިން' ޕްރޮޖެކްޓް އިފްތިތާހު ކުރުމަށްޓަކާ ދެއްވި ޕްރެސެންޓޭޝަންގައި މުހައްމަދު ބިން ސަލްމާނު ސުވާލު ކުރެއްވިއެވެ.
ސައުދީ ވަލީ އަހުދު ވިދާޅުވި ގޮތުގައި، މި ޕްރޮޖެކްޓުގެ އިންފްރާސްޓްރަކްޗަރ އަށް 100 އާއި 200 ބިލިއަން ޑޮލަރާ ދެމެދުގެ އަދަކަށް ފައިސާ ހޭދަކުރެވިގެން ދާނެއެވެ. އަދި ވަލީއަހުދު ވިދާޅުވި ގޮތުގައި މި ބިޔަ ޕްރޮޖެކްޓް އިއުލާން ކުރެވިގެން މިދިޔައީ، ޕްރޮޖެކް ޕްލޭން ކުރުމަށް 3 އަހަރުދުވަސް ހޭދަވެގެން ދިއުމަށްފަހުގައެވެ.
ޕްރިންސް މުހައްމަދު ބިން ސަލްމާން ވިދާޅުވިގޮތުގައި، މި އިންވެސްޓްމަންޓުގެ މައިބަދައަކީ، ނުވަތަ އިންވެސްޓަމަންޓުގެ ބޮޑު ބަޔަކީ ސައުދީ ސަރުކާރުގެ ސޯވެރިންގ ވެލްތު ފަންޑާއި އަދި ޕަބްލިކް އިންވެސްޓްމަންޓް ފަންޑުގެ އިތުރުން ނިއޯން ޕްރޮޖެކްޓް (ސައުދީ ހުޅަގު އުތުރު ސަހަރައްދުގައި ބިނާ ކުރެވޭ ސިޓީ)ގައި އިވެސްޓްކުރާ ގައުމުން ބޭރުގެ ބައެއް އިންވެސްޓަރުންނެވެ.
މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް މިއަހަރުގެ ފުރަތަމަ ކުއާރޓަގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.
? Built for people not cars. This will be life on THE LINE.
Future communities will reconnect with nature with walkability woven into the DNA of THE LINE.Welcome to the new future.
Welcome to THE LINE.https://t.co/ftyh90NV0C#whatisTHELINE pic.twitter.com/yod2zxSB4s— NEOM (@NEOM) January 10, 2021
މި ޕްރޮޖެޓާއި ގުޅޭގޮތުން އިތުރަށް އާންމު ކޮށްފައިވާ މައުލޫމާތުތައް ބުނާގޮތުން، މި ހައި-ޓެކް ބެލްޓުގައި ދިރިއުޅޭ 1 މިލިއަން ރައްޔިތުންނަށް ހުރިހާ ޚިދުމަތެއްވެސް ފޯރު ކޮށްދެވިގެންދާނީ އާޓިފިޝަލް އިންޓެލިޖަންސް (މަސްނޫއީ ތޫނުފިލަކަން)ގެ ބޭނުން ކޮށްގެންނެވެ. އަދި މި އާބާދީތައް ދިރިއުޅޭނީ، ސާފު ހަކަތަ (ރިނީވަބްލް އެނާޖީ) އެކަނި ބޭނުން ކޮށްގެންނެވެ. އަދި މި ބެލްޓުގައި ދިރިއުޅޭ މީހުން އެއްތަނުން އަނެއްތަނަށް ދަތުރުކުރަން އެންމެ ގިނަވެގެންވެސް ނަގާނީ 20 މިނިޓް އިރުގެ ވަގުތުކޮޅެކެވެ.
'ދަ ލައިން’ގެ ނަމުން ނަން ދެވިފައިވާ މި ޕްރޮޖެކްޓް ނިމި، ސިޓީއަކަށް ބަދަލުވެގެން ދާއިރު، ސްކޫލްތަކާއި، ކްލިނިކްތަކާއި، އަދި އާންމު ބޭނުންތަކަށް ބޭނުންކުރާ ތަންތަނާއި އަދި މީގެ އިތުރުން ޕާކްތައްފަދަ ހުރިހާތަނެއްވެސް ހުންނާނީ، ފައިމަގުގައި ހިގާފައި 5 މިނިޓެއްހާރިން ދެވޭހާ ދުރުމިނުގައެވެ.
ވަލީ އަހުދު ވިދާޅުވިގޮތުގައި، މި ސިޓީގައި 380،000 ވަޒީފާ އުފެދިގެން ދާއިރު، މުޅިން އަލަށް، 179 ކިލޯމީޓަރަށް ދެމިގެންދާ ބެލްޓެއްގެ ގޮތުގައި ބިނާ ކުރެވޭ މިސިޓީއިން، 2030 އާއި ހަމައަށް ދާއިރު ސައުދީގެ ޑޮމެސްޓިކް ޖީޑީޕީއަށް 48 ބިލިއަން ޑޮލަރުގެ ފައިދާ ކުރާނެއެވެ.