މާލެ އާއި ވިލިމާލޭގެ މަގުތަކުގައި ނަން ބޯޑު ހަރުކުރުމުގެ މަސައްކަތް، ކައުންސިލްގެ ހުއްދަ ނެތި 25 މިލިއަން ރުފިޔާއަށް ހަތް ކުންފުންޏަކާ ހަވާލުކުރި މައްސަލައެއްގައި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.
މި ތުހުމަތުތައް ފެންމަތިކުރެއްވީ މާލެ ސިޓީ ކައުންސިލްގެ ޖަލްސާގައި ޑެޕިއުޓީ މޭޔަރު އަދި މާފަންނު ހުޅަނގު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު އަރީޝްއެވެ. އޭނާ ވިދާޅުވި ގޮތުގައި މަގުމަތީގައި ނަން ބޯޑުތައް ހަރުކުރުމުގެ ބޮޑު މަޝްރޫއު ކުރިއަށް ގެންދަނީ ކައުންސިލަށް އެއްވެސް ވަރަކަށް އެނގުމަކާ ނުލައި، ބިޑު ކުރުމުގެ އުސޫލުތަކުގެ ބޭރުން މޭޔަރު އަމިއްލައަށް ދެއްވާ ހުއްދައެއްގެ ދަށުންނެވެ. އަދި މިކަމުގެ އެއްވެސް މައުލޫމާތެއް ކައުންސިލަރުންނަށް ލިބިވަޑައިގެންފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މި މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނިތަކުގެ ތަފްސީލު ހާމަކުރައްވަމުން އަރީޝް ވިދާޅުވީ، އެންމެ ބޮޑު އަދަދެއް ކަމަށްވާ 5.7 މިލިއަން ރުފިޔާގެ މަސައްކަތް "ބިގް ބެސްޓް" ކުންފުންޏަށް ދީފައިވާއިރު، "ވެށިޕްރޯ" އަށް 4.9 މިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން "ޑޮނާޑް ޕްރައިވެޓް ލިމިޓެޑް" އަށް 3.9 މިލިއަން، "ސަސްމާ ޕްރައިވެޓް ލިމިޓެޑް" އަށް 3.4 މިލިއަން އަދި "ބަހާގި"، "އެމް7 ޕްރިނޯޒް" އާއި "އޮންޓްރެކް ސޮލިއުޝަން" މިއިން ކޮންމެ ކުންފުންޏަކަށް 2.6 މިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަރީޝް ތުހުމަތު ކުރެއްވި ގޮތުގައި މި ކުންފުނިތަކަށް މަސައްކަތް ހަވާލުކުރި ލިޔެކިޔުންތަކުގައި ސޮއިކުރައްވާފައިވަނީ ސީދާ މޭޔަރު އާޒިމެވެ.
މޭޔަރުގެ އިދާރީ ހިންގުމާ ގުޅޭގޮތުން ވެސް އަރީޝް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އާޒިމް މޭޔަރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ކަންކަން ހިނގަނީ ނޭދެވޭ އުސޫލަކުންނެވެ. އެގޮތުން ކަމެއް ރަނގަޅަށް ހިނގައިފިނަމަ އޭގެ "ކްރެޑިޓް" މޭޔަރު ނަންގަވާ ކަމަށާއި، ގޯސްކޮށް ކަމެއް ވެއްޖެނަމަ ސެކްރެޓަރީ ޖެނެރަލްގެ ބޮލުގައި ޒިންމާ އަޅުއްވާ ކަމަށް އަރީޝް ވިދާޅުވިއެވެ. އަދި ކައުންސިލްގެ ކޮމިޓީތަކުން ނިންމާ ކަންކަން ތަންފީޒު ކުރުމަށް މޭޔަރުގެ ހުއްދައަށް ފޮނުވުމުން، އެ ލިޔެކިޔުންތައް މޭޔަރުގެ މޭޒުމަތީގައި "ޕާކުކޮށްފައި" ހުންނަ ކަމަށާއި އެކަންކަމަށް ހުއްދަ ނުދެއްވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ތުހުމަތުތަކަށް ރައްދު ދެއްވައި މޭޔަރު އާޒިމް ވިދާޅުވީ ގަވާއިދާ ޚިލާފަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ. މޭޔަރުގެ މޭޒުމަތީގައި ސޮއިނުކޮށް ހުރި އެއްވެސް ލިޔެކިޔުމެއް ނުހުންނާނެ ކަމަށާއި، ގަވާއިދާ އެއްގޮތަށް ހުށަހަޅާ ހުރިހާ ކަމަކަށް ހުއްދަ ދެއްވަމުން ގެންދަވާ ކަމަށް އާޒިމް ވިދާޅުވިއެވެ. ނަމަވެސް ޑެޕިއުޓީ މޭޔަރު ވަނީ ގަވާއިދާ ޚިލާފަށް ހުއްދަ ދީފައިވާކަން ސާބިތުވާނެ ލިޔެކިޔުންތައް އެބަހުރި ކަމަށް ވިދާޅުވެ، އާޒިމަށް ރައްދު ދީފައެވެ.
ކޮމެންޓު ފޮނުވާ