އޮޅިގެން އެހެން ބޯޓަކަށް ދެވުނު 94،000 ރުފިޔާ ހޯދައި ވެރިފަރާތާ ހަވާލުކޮށްފި

އޮޅިގެން އެހެން ބޯޓަކަށް ދެވުނު 94،000 ރުފިޔާ ހޯދައި ވެރިފަރާތާ ހަވާލުކޮށްފި

Author
ޙަސަން މުޙައްމަދު
25 ފެބްރުއަރީ 2026 03:06
0

މާލޭ ޓީޖެޓީ ސަރަހައްދުން އޮޅިގެން އެހެން ބޯޓެއްގެ ކެޕްޓަނަކާ ހަވާލުކުރެވުނު 94،000 ރުފިޔާ، ފުލުހުން ކުރި މަސައްކަތުން ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މި ހިނގާ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ. ފުލުހުން ހާމަކުރި ގޮތުގައި، ދ. އަތޮޅުގައި ތަރައްގީކުރަމުންދާ ރިސޯޓެއްގެ މުވައްޒަފުންގެ މުސާރަ ދިނުމަށް ފޮނުވި މި ފައިސާ ހުރި ސިޓީއުރަ ލިބެންޖެހޭ ފަރާތަށް ނުލިބިގެން ފުލުހުންނަށް މައްސަލަ ހުށަހެޅީ އޭގެ ދެ ދުވަސް ފަހުން، ފެބްރުއަރީ 12 ވަނަ ދުވަހުއެވެ. މައްސަލަ ހުށަހެޅުމާއެކު ފުލުހުން ސީސީޓީވީ ފުޓޭޖް ބެލި ނަމަވެސް، އެއިން ބޯޓު ދެނެގަނެވިފައިނުވާތީ، ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް އާންމުންނާ ސުވާލުކޮށްގެން ބޯޓު ހޯދުމުގެ މަސައްކަތް ކޮށްފައެވެ.

ފުލުހުން ކުރި މަސައްކަތުން އެ ބޯޓު ދެނެގަނެވި، ކެޕްޓަނަށް ގުޅިއިރު ބޯޓު އޮތީ ވ. އަތޮޅުގައެވެ. މީހަކު ގެނެސްދިން ސިޓީއުރައެއް ބޯޓުގެ ލޮކަރުގައި އޮތްކަމަށް ކެޕްޓަން ބުނި ކަމަށާއި، މި މަހުގެ 23 ވަނަ ދުވަހުގެ ރޭ ކެޕްޓަން ވަނީ އެ ފައިސާތައް ފުލުހުންނާ ހަވާލުކޮށްފައެވެ. ތަހުގީގަށް އެނގިފައިވާ ގޮތުގައި މި ފައިސާ ހަވާލުކުރެވިފައިވަނީ ފޮނުވަން ޖެހޭ ބޯޓު ނޫން އެހެން ބޯޓެއްގެ ކެޕްޓަނަކަށެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ނަގުދު ފައިސާ ގެންގުޅުމުގައާއި ހަވާލުކުރުމުގައި މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ފައިސާ ހަވާލުކުރާ ފަރާތަކީ ކާކުކަން ޔަގީންކުރުމާއި، ބޯޓުގެ ނަމާއި ގުޅޭނެ މައުލޫމާތު ކަށަވަރުކުރުމުގެ އިތުރުން، ފައިސާ ހަވާލުކުރިކަމުގެ ލިޔުމެއް ނުވަތަ ޑިޖިޓަލް ރެކޯޑެއް ބެލެހެއްޓުމަކީ މާލީ ގެއްލުންތަކުން ސަލާމަތްވުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއްކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.