ކުޅުދުއްފުށި ސިޓީ އާއި ތިނަދޫ ސިޓީގައި މަސައްކަތް ކުރުމަށް ފުލުހުންގެ ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލްގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހި ފުލުހުންގެ ޚިދުމަތުން ހުޅުވާލައިފިއެވެ. 17،000 ރުފިޔާއަށްވުރެ ބޮޑު މުސާރައެއް ލިބޭ މި ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މާރިޗު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ފޯމު ހުށަހަޅަން ޖެހެއެވެ.
ފުލުހުންގެ އިދާރާއިން އާންމުކޮށްފައިވާ އިއުލާނުގައިވާ ގޮތުން މިފަހަރު ފުރުސަތު ހުޅުވާލާފައިވަނީ ކުޅުދުއްފުށިން 20 މީހުންނަށާއި ތިނަދޫން 10 މީހުންނަށެވެ. މި ވަޒީފާގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 17,175.00 ރުފިޔާއެވެ. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަކީ ގްރޭޑް 10 ނިންމާފައިވާ، އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނަށް ވާންޖެހެއެވެ. އަދި އިސްކޮޅުގެ ޝަރުތެއްގެ ގޮތުގައި ފިރިހެނެއް ނަމަ 5 ފޫޓް 3 އިންޗި އަދި އަންހެނެއް ނަމަ 5 ފޫޓް ހަމަވުމާއެކު، ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހަކަށް ވާންޖެހޭނެއެވެ.
މީގެ އިތުރުން، ވަޒީފާއަށް އެދޭ ފަރާތަކީ އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ވޭތުވެދިޔަ ފަސް އަހަރުތެރޭ ކޮށްފައިވާ މީހަކަށް ވެގެން ނުވާނެއެވެ. އަދި މަސްތުވާތަކެތީގެ މައްސަލައެއްގައި ހުކުމެއް ކޮށްފައިވާ މީހަކަށް ނުވުމާއި، އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި ހިމެނިފައިވާ މީހަކަށް ވެގެން ނުވާނެ ކަމަށްވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
މި ވަޒީފާއަށް މީހުން ހޮވުމުގައި ހަށިހެޔޮކަން ދެނެގަތުމަށް ދެވޭ ފިޒިކަލް ފިޓްނަސް އާއި ފެތުމުގެ ޓެސްޓުން ފާސްވާން ޖެހެއެވެ. އަދި މެޑިކަލް އެގްޒަމިނޭޝަން، ޕޮލިގްރަފީ ޓެސްޓް، އިންޓަވިއު އަދި ބެކްގްރައުންޑް އެސެސްމަންޓުން ވެސް ފާސްވާން ޖެހޭނެ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި، ކުށުގެ ރެކޯޑު ބަލާ ފޯމު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ތައުލީމީ ސެޓްފިކެޓްތަކުގެ (އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ) ކޮޕީ ހުށަހަޅަން ޖެހެއެވެ. މީގެ އިތުރުން ވޭތުވެދިޔަ 3 މަސް ދުވަހުގެ ތެރޭގައި ނަގާފައިވާ ޕާސްޕޯޓް ސައިޒުގެ ފޮޓޯއަކާއި، ލައިސަންސް އޮންނަ ނަމަ އޭގެ ކޮޕީ އަދި ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ އެކަމުގެ ލިޔުން ހުށަހެޅުމަށް ފުލުހުން ވަނީ އެދިފައެވެ.
މި މަގާމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާރިޗް މަހުގެ 5 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް، ކުޅުދުއްފުށްޓާއި ތިނަދޫ ޕޮލިސް ސްޓޭޝަނުގެ ރިސެޕްޝަނުންނެވެ. ފޯމު ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 11:00 އިން 13:00 އަށެވެ.
ކޮމެންޓު ފޮނުވާ