މާލެއާއި ސިނަމާލެ ބްރިޖު އަދި ހައިވޭ ހިމެނޭ ސަރަޙައްދުގައި ނިމިދިޔަ ހަފްތާގެ ތެރޭގައި ޖުމްލަ 41 އެކްސިޑެންޓް ހިނގާފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މީގެ ތެރެއިން ގިނަ އެކްސިޑެންޓްތައް ހިނގާފައިވަނީ ދުވާލުގެ ވަގުތުތަކުގައެވެ.
ފުލުހުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ ހަފްތާގައި އެންމެ ގިނަ އެކްސިޑެންޓް ރިޕޯޓުކޮށްފައިވަނީ ފެބްރުއަރީ 21 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 11 އެކްސިޑެންޓް ހިނގާފައިވާއިރު، ފެބްރުއަރީ 15 ވަނަ ދުވަހު 8 އެކްސިޑެންޓް އަދި 16 އާއި 17 ވަނަ ދުވަހު، މިއިން ކޮންމެ ދުވަހަކު 6 އެކްސިޑެންޓް ހިނގާފައިވެއެވެ. އަދި 19 ވަނަ ދުވަހު 6 އެކްސިޑެންޓް ހިނގިއިރު، ހަފްތާގެ އެހެން ދުވަސްތަކުގައި އެކްސިޑެންޓް ހިނގި އަދަދު ވަނީ ދަށްވެފައެވެ. މި ހާދިސާތަކުގައި ޖުމްލަ 11 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، 45 އުޅަނދަކަށް ގެއްލުންވެފައިވެއެވެ. ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ނުރައްކާތެރި 3 އެކްސިޑެންޓް ހިމެނޭއިރު، ބާކީ 38 އެކްސިޑެންޓަކީ ކުދި އެކްސިޑެންޓްތަކެވެ.
އެކްސިޑެންޓްތައް ހިނގި ވަގުތުތަކަށް ބަލާއިރު، %80 ހާދިސާ ހިނގާފައިވަނީ ދުވާލުގެ ވަގުތުތަކުގައެވެ. އެއީ 33 އެކްސިޑެންޓެވެ. ރޭގަނޑު ހިނގާފައިވަނީ 8 ހާދިސާއެވެ. މި އެކްސިޑެންޓްތަކުގައި އެންމެ ގިނައިން ޝާމިލުވަނީ ސައިކަލެވެ. އެގޮތުން ސައިކަލާއި ކާރު ޖެހިގެން 9 ހާދިސާއެއް ހިނގާފައިވާއިރު، ސައިކަލާއި ސައިކަލު ޖެހިގެން 8 އެކްސިޑެންޓް ހިނގާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ އޭގެ ކުރީ ހަފްތާގައި ހިނގި 43 އެކްސިޑެންޓާ އަޅާބަލާއިރު ދަށް އަދަދެކެވެ.
ސަރަހައްދުތަކަށް ބަލާއިރު އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ މާލޭގެ މަގުތަކުގައެވެ. އެގޮތުން މާލޭގައި 36 އެކްސިޑެންޓް ހިނގާފައިވާއިރު، ބްރިޖާއި ހައިވޭގައި 12 އެކްސިޑެންޓް ހިނގާފައިވެއެވެ. މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، އުޅަނދު ދުއްވުމުގައި ސަމާލުކަން އިތުރުކުރުމަށް ހުރިހާ ފަރާތްތަކަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ