މާލޭގެ ސަރަހައްދުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ފާއިތުވި 48 ގަޑިއިރު ތެރޭގައި ގެއްލިފައިވާ ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައި އޭގެ ވެރިފަރާތްތަކާ ހަވާލުކޮށްފިއެވެ.
ފެބްރުއަރީ 21 އަދި 22 ވަނަ ދުވަހު ހެންވޭރު، ގަލޮޅު އަދި މާފަންނު ޕޮލިސް ސްޓޭޝަނުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި މުއްދަތުގައި ޖުމްލަ 464،819 ރުފިޔާ ވަނީ ހޯދާފައެވެ. މީގެ ތެރެއިން ހެންވޭރު ޕޮލިސް ސްޓޭޝަނުން 65،000 ރުފިޔާ ހޯދައި ވެރިފަރާތަށް ރައްދުކޮށްދީފައިވާއިރު، މާފަންނު ޕޮލިސް ސްޓޭޝަނުން ވަނީ 34،720 ރުފިޔާ ހޯދައި ހަވާލުކޮށްފައެވެ. މާފަންނު ސަރަހައްދުން 138،552 ރުފިޔާ ގެއްލިގެން ރިޕޯޓުކޮށްފައިވާއިރު، ހެންވޭރުން ރިޕޯޓުކޮށްފައިވަނީ 380 ރުފިޔާ ގެއްލިގެންނެވެ.
މާލޭގެ އެކި ސަރަހައްދުތައް ބެލެހެއްޓުމަށް ކުރެވުނު މަސައްކަތްތަކަށް ބަލާއިރު، ގަލޮޅު ޕޮލިސް ސްޓޭޝަނުން އެކަނިވެސް 35 މައްސަލައެއް ރިކޯޑުކޮށް، 151 މީހަކު ހުއްޓުވައި ސުވާލުކޮށްފައިވެއެވެ. އަދި މި އޮޕަރޭޝަންގައި 3 މީހަކު ހައްޔަރުކޮށްފައިވާއިރު، 40 އަށްވުރެ ގިނަ ފަހަރު ފައިމަގުގައި ޕެޓްރޯލްކޮށް، 738 ތަނެއް ބަލައި ފާސްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. މީގެއިތުރުން 911 އަށް ގުޅައިގެން ރިޕޯޓުކުރި 18 ކޯލަކަށް އެޓެންޑްވެ، މުޖުތަމައުއާ ގުޅުންހުރި 26 ހަރަކާތެއްވެސް އެ ސްޓޭޝަނުން ހިންގާފައިވެއެވެ.
ހެންވޭރު ސަރަހައްދަށް ބަލާއިރު، އެ ސްޓޭޝަނުން ވަނީ 24 މައްސަލައެއް ރިކޯޑުކޮށް، 146 މީހަކު ހުއްޓުވައި ސުވާލުކޮށްފައެވެ. މި ސަރަހައްދުން އެކަކު ހައްޔަރުކޮށްފައިވާއިރު، 752 ތަނެއް ބަލައި ފާސްކޮށް، 101 ޓްރެފިކް އެންގޭޖްމަންޓް ހިންގާފައިވެއެވެ. އަދި ފައިމަގުގައި 22 ފަހަރު ޕެޓްރޯލްކޮށް، 911 އަށް ލިބުނު 13 ކޯލަކަށް ފުލުހުން ވަނީ އިޖާބަދީފައެވެ.
މީގެ އިތުރުން މާފަންނު ޕޮލިސް ސްޓޭޝަނުން ވަނީ މި 48 ގަޑިއިރު ތެރޭގައި 35 މައްސަލަ ރިކޯޑުކޮށް، 256 މީހަކު ހުއްޓުވައި ސުވާލުކޮށްފައެވެ. މި ސަރަހައްދުން 2 މީހަކު ހައްޔަރުކޮށްފައިވާއިރު، 777 ތަނަކާއި 112 ހޮޓްސްޕޮޓް ބަލައި ފާސްކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އަދި 12 ގެއަކަށް ނުވަތަ ފިހާރައަކަށް ޒިޔާރަތްކޮށް، 911 އަށް ލިބުނު 25 ކޯލަކަށް އެޓެންޑްވެފައިވެއެވެ. މި މަސައްކަތްތަކުގައި މާފަންނު ޕޮލިސް ސްޓޭޝަންގެ 48 ފުލުހުން ބައިވެރިވެފައިވާކަން ފުލުހުން ހާމަކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ