އިލެކްޝަންސް ކޮމިޝަން (އީސީ) އާއި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެ ބޭފުޅަކު ޢައްޔަންކުރައްވައިފިއެވެ.
މިގޮތުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަންކުރެއްވީ މ. ވޭވަށް، ކިނާރާ، އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އެވެ. އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަންކުރެއްވީ ކ. ދިއްފުށި، ސްވީޓްމީޑް، އަލްއުސްތާޛު ޙަސަން ޝަފީޢުއެވެ.
މި ދެ ބޭފުޅުން މަޤާމަށް ޢައްޔަންކުރެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ދެ ބޭފުޅުންނަށް މެންބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މުޙައްމަދު ސަލީމެވެ. ހުވާކުރެއްވުމަށްފަހު، ދެ ބޭފުޅުން ވަނީ ހުވާގެ އިޤްރާރުގައި ސޮއިކުރައްވައި، މަޤާމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން ޙަވާލުވެވަޑައިގެންފައެވެ.
އަލްއުސްތާޛު ޙަސަން ޝަފީޢު ޖޭއެސްސީގެ މެންބަރުކަމަށް ޢައްޔަންކުރެއްވީ ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިޚާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ. އަދި އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އީސީގެ މެންބަރުކަމަށް ޢައްޔަންކުރެއްވީ ޤާނޫނުއަސާސީއާއި އިލެކްޝަންސް ކޮމިޝަންގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.
ކޮމެންޓު ފޮނުވާ