މާލޭގެ ބޮޑުތަކުރުފާނު މަގުގައި ޓްރެފިކް ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން، އެ މަގުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރަން ފަށާނެކަމުގެ އިންޒާރު ފުލުހުން ދީފިއެވެ.
ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓްގެ ހެޑް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް އިމްރާން ސޯޝަލް މީޑިއާގައި ހާމަކުރެއްވި ގޮތުގައި، ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަށް ބަދަލުކޮށް އާންމުންނަށް ހުޅުވާލުމާ ގުޅިގެން އެ ސަރަހައްދުގެ ކާރޫބާރޫ ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އެހެންކަމުން މަގުމަތީގެ ނިޒާމު ބެލެހެއްޓުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އުސޫލުތަކާ ޚިލާފަށް ޕާކުކުރާ އުޅަނދުތައް ނަގައި، އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅުއްވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ޚާއްސަކޮށް އެމްޕީއެލް ސަރަހައްދުން ފެށިގެން މާފަންނު ޕޮލިސް ސްޓޭޝަނާ ހަމައަށް އޮންނަ ސަރަހައްދުގައި ޑަބަލްކޮށް ޕާކުކުރުމުގެ މައްސަލަ ބޮޑުވެ، އާންމު ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވަމުންދާކަން ފުލުހުން ފާހަގަކުރެއެވެ. މިއީ ރައްޔިތުންގެ ޝަކުވާ އެންމެ ބޮޑަށް ލިބޭ އެއް މައްސަލަކަމަށްވާއިރު، މިކަން ހައްލުކުރުމަށް ފުލުހުން ވަނީ ޚާއްސަ އިސްކަމެއް ދީފައެވެ.
މީގެ އިތުރުން، މާލޭގެ އެކި މަގުތަކުގައި ގަވާއިދާ ޚިލާފަށް، ދުއްވާ އެއްޗެހި ދުއްވުމަށް ދަތިވާގޮތަށް ބަހައްޓާފައި ހުރި އުޅަނދުތައް ނެގުމުގެ ޚާއްސަ މަސައްކަތްތަކެއް ވެސް މާދަމާ ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި އުޅަނދުތައް އަމިއްލައަށް ނެގުމަށް ދީފައިވާ މުއްދަތު ހަމަވެފައިވާއިރު، މުއްދަތު ހަމަވުމަށްފަހު މަގުމަތީގައި ހުންނަ މިފަދަ އުޅަނދުތައް ފުލުހުން ނަގަމުން ގެންދާނެއެވެ.
ކޮމެންޓު ފޮނުވާ