ލޯކަލް މާރުކޭޓު ސަރަހައްދަށް އާ ހިދުމަތްތަކަކާއެކު ބޮޑު ބަދަލެއް: ފެނާއި ކަރަންޓު ލިބޭނެ

ލޯކަލް މާރުކޭޓު ސަރަހައްދަށް އާ ހިދުމަތްތަކަކާއެކު ބޮޑު ބަދަލެއް: ފެނާއި ކަރަންޓު ލިބޭނެ

Author
ހުސައިން
22 ފެބްރުއަރީ 2026 12:23
0

މާލޭ ލޯކަލް މާރުކޭޓު ކުރިމަތީ އޮންނަ ބަނދަރު ސަރަހައްދު ޒަމާނީ ބަދަލުތަކަކާއެކު އަލުން ހުޅުވާލައި، އެ ސަރަހައްދަށް ކައިރިކުރާ އުޅަނދުފަހަރަށް ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފިއެވެ.

ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއާ ގުޅިގެން، މާލޭ ނޯތު ހާބަރު ސަރަހައްދު ބަންދުކުރުމަށްފަހު މުދަލާއި ފަސިންޖަރުން އުފުލާ އުޅަނދުތައް ވަގުތީ ގޮތުން ބޭނުންކުރަމުން އައީ އެމްއެމްއޭ ސަރަހައްދާއި ހުޅުމާލެ ޕެޓްރޯލް ޖެޓީ ސަރަހައްދެވެ. ނަމަވެސް، މަގު ހެދުމުގެ މަސައްކަތް ނިމުމާއެކު، އެމްޕީއެލްއިން މިހާރު ވަނީ އަލުން ނޯތު ހާބަރުގެ 'އޭ ޒޯން' (ބޮޑުތަކުރުފާނު މަގާވީ ފަރާތު ތޮށިގަނޑު) އަށް އުޅަނދުތައް ބަނދަރުކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.

މި ބަދަލާއެކު ގެނެވުނު އެންމެ މުހިންމު އެއް ކުރިއެރުމަކީ، މީގެ ކުރިން އެ ސަރަހައްދުން ލިބެން ނުހުންނަ އަސާސީ ހިދުމަތްތައް ތައާރަފުކުރުމެވެ. އެގޮތުން އެ ސަރަހައްދަށް ކައިރިކުރާ އުޅަނދުތަކަށް ފަސޭހަކަމާއެކު ކަރަންޓާއި ފެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް އެމްޕީއެލްއިން މިހާރު ދަނީ ކުރަމުންނެވެ. އަދި ބަނދަރުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، ކުރިން ހުރި ހަލާކުވެފައިވާ ފައްތިޔާތައް ނަގައި، އޭގެ ބަދަލުގައި މުޅިން އާ 36 ފައްތިޔާ ބުޑު ވަނީ ފައްތާފައެވެ. މިއީ އުޅަނދުތައް އަޅާފައި ބާއްވާއިރު ލިބޭނެ ވަރަށް ބޮޑު ރައްކާތެރިކަމެކެވެ.

އެމްޕީއެލްއިން މައުލޫމާތު ދޭ ގޮތުގައި، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ނޯތު ހާބަރުގެ 'ބީ ޒޯން' ނުވަތަ ހުޅަނގު ފަރާތު ތޮށިގަނޑަށް ވެސް އުޅަނދުތައް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަސައްކަތް ނިންމައި، ރޯދަމަސް ފެށެން ކައިރިވެފައި ވަނިކޮށް މި ސަރަހައްދު ހުޅުވާލުމަކީ އާންމުންނަށާއި ވިޔަފާރިވެރިންނަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ. ޒަމާނުއްސުރެ މާލޭގައި އެންމެ ބާރުބޮޑު، އަދި ޓްރެފިކް ތޮއްޖެހޭ މި ސަރަހައްދަށް ގެނައި ބަދަލުތަކާއެކު، ދުއްވާ އެއްޗެއްސަށާއި މުދާ އުފުލާ ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް މިހާރު ވަނީ ދާއިމީ ހައްލެއް ލިބިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.