ބިދޭސީއަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް

ބިދޭސީއަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް

Author
ޙަސަން މުޙައްމަދު
21 ފެބްރުއަރީ 2026 01:42
0

ބިދޭސީއަކު ރަހީނުކޮށް، އެ މީހާއަށް އަނިޔާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބަންގްލަދޭޝް މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 35 އަހަރުގެ އިގްބާލް މިއާ ނަމަކަށް ކިޔާ ބަންގްލަދޭޝްގެ ރައްޔިތެކެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ބިދޭސީއަކު ރަހީނުކުރުމަށްފަހު، އެ މީހާއަށް ޖިސްމާނީ ބޮޑެތި އަނިޔާތަކެއް ކޮށްފައިވާ ކަމަށެވެ.

އިގްބާލްގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ބެލެވޭ މިންވަރަށް ފުލުހުން ވަނީ ހެކި ހުށަހަޅާފައެވެ.

މީގެ އިތުރުން، އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށާއި، ކުށުގެ ބާވަތުންނާއި ހުށަހެޅިފައިވާ ހެކިތަކަށް ބަލާއިރު އޭނާ ފިލައިގެން ދިއުމުގެ އިހުތިމާލު އޮތްކަމަށް ފެންނާތީ، ބަންދުގައި ބެހެއްޓުމަށް ގާޒީ ވަނީ ނިންމަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.