ގެއްލިގެން ހޯދަމުންދާ އިމްތިޔާޒް އަދިވެސް ނުފެނޭ، އެހީތެރިކަމަށް ފުލުހުން އެދެފި

ގެއްލިގެން ހޯދަމުންދާ އިމްތިޔާޒް އަދިވެސް ނުފެނޭ، އެހީތެރިކަމަށް ފުލުހުން އެދެފި

Author
ޙަސަން މުޙައްމަދު
21 ފެބްރުއަރީ 2026 01:40
0

މާލެއިން ގެއްލިގެން ހޯދަމުންދާ އުމުރުން 30 އަހަރުގެ އިބްރާހިމް އިމްތިޔާޒް އަލީ އަދިވެސް ފެނިފައިނުވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

އިމްތިޔާޒް ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދި އިއުލާނުކޮށްފައިވަނީ އިއްޔެއެވެ. ފުލުހުން ބުނި ގޮތުގައި އިމްތިޔާޒް އެންމެ ފަހުން ފެނިފައިވަނީ މި ހިނގާ މަހުގެ 13 ވަނަ ދުވަހުގެ މެންދުރު 12:00 އާއި 13:00 އާ ދެމެދުގެ ވަގުތެއްގައި އޭނާ ދިރިއުޅޭ ގޭގައި އުޅެނިކޮށް އާއިލާގެ މެމްބަރުންނަށެވެ. ނަމަވެސް އެދުވަހު ގެއިން ނުކުތް ފަހުން އޭނާގެ ޚަބަރެއް ނުވެގެން، ގެއްލިފައިވާ ކަމަށް އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ހަވީރު 17:15 ހާއިރުއެވެ.

މި މައްސަލަ ހުށަހެޅުމާއެކު ފުލުހުންގެ ކަމާގުޅޭ ހުރިހާ ބަހާތަކަށް މައުލޫމާތު ހިއްސާކޮށް، އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ފެނިފައިނުވާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވަނީ ވިދާޅުވެފައެވެ.

ވީމާ، އިމްތިޔާޒްއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ލަސްނުކޮށް ހެންވޭރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9400053 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި އެކަން ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.