މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމަށް އަންނަ އާދީއްތަ ދުވަހުގެ ރޭގަނޑު 11:30 އާ ހަމައަށް ފުލުހުން ފުރުސަތު ދީފިއެވެ. މި މުއްދަތު ހަމަވުމާއެކު، ހޯމަ ދުވަހުން ފެށިގެން އެ އުޅަނދުތައް ޓޯކުރަން ފަށާނެ ކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައެވެ.
ފުލުހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، މި އޮޕަރޭޝަނުގައި ހަމައެކަނި ނަގާނީ ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކެއް ނޫނެވެ. އޭގެ އިތުރުން ރަޖިސްޓްރީ ނުކޮށް މަގުމަތީގައި ބަހައްޓާފައިވާ އުޅަނދުތަކާއި، މާލެ ސަރަހައްދު ނުވަތަ 'އޭ' ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައި މާލޭގައި ދުއްވާ އުޅަނދުތައް ވެސް ޓޯކުރާނެ ކަމަށް ފުލުހުން ހާމަކުރެއެވެ.
މި އުޅަނދުތައް ފުލުހުން ކަނޑައަޅާ ވަކި ސަރަހައްދަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާއިރު، އަދި އެތަނުގައި ބަހައްޓާފައި ހުންނަ މުއްދަތުގައި އުޅަނދަށް ލިބޭ އެއްވެސް ގެއްލުމަކަށް ފުލުހުންގެ މުއައްސަސާއިން ޒިންމާ ނުވާނެކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. އެހެންކަމުން، ކަނޑައެޅިފައިވާ ވަގުތުގެ ކުރިން އުޅަނދުގެ ވެރިފަރާތުން އަމިއްލައަށް އުޅަނދުތައް ނެގުމަށް ފުލުހުން އިލްތިމާސްކުރެއެވެ.
މީގެ އިތުރުން، އުޅަނދުތައް ޓޯ ކުރުމަށްފަހު ބަހައްޓާ ތަނުން އެހެން ތަނަކަށް އުޅަނދު ގެންދިއުމުގެ ހުރިހާ ޒިންމާއެއް ވެސް އުފުލަން ޖެހޭނީ އެ އުޅަނދެއްގެ ވެރިފަރާތުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ