މާލެއިން މީހަކު ގެއްލިގެން އާއިލާއިން ރިޕޯޓްކުރުމާ ގުޅިގެން، އޭނާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.
ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ގެއްލިގެން ހޯދަމުންދަނީ މާލެ، ހ. ފެވަރިޓްވިލާ، ޢުމުރުން 30 އަހަރުގެ އިބްރާހީމް އިމްތިޔާޒް ޢަލީއެވެ. އޭނާ އެންމެ ފަހުން އާއިލާގެ މެމްބަރުންނަށް ފެނިފައިވަނީ މި ހިނގާ 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުގެ މެންދުރު 12:00 އާއި 13:00 އާ ދެމެދުގެ ވަގުތެއްގައި އޭނާ ދިރިއުޅޭ ގޭގައި އުޅެނިކޮށެވެ.
އާއިލާއިން ފުލުހުންނަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، އެ ދުވަހު ގެއިން ބޭރަށް ދިޔަފަހުން އޭނާގެ ޚަބަރެއް ވެފައެއް ނުވެއެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އޭގެ ހަތަރު ދުވަސް ފަހުން، ފެބްރުއަރީ 17 ވަނަ ދުވަހުގެ ހަވީރު 17:15 ހާއިރުއެވެ. މި މައްސަލަ ހުށަހެޅުމާއެކު ފުލުހުންގެ ކަމާގުޅުންހުރި ހުރިހާ ޑިޕާޓްމަންޓްތަކަށް މަޢުލޫމާތު ޙިއްސާކޮށް އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވީ ނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ފެނިފައިނުވާކަމަށް ފުލުހުން ބުނެއެވެ.
ވީމާ، އިބްރާހީމް އިމްތިޔާޒް ޢަލީއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ލަސްނުކުރައްވައި ހެންވޭރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9400053 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި އެ މަޢުލޫމާތު ޙިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ ޢާންމުންގެ ކިބައިން އެދިލައްވާފައެވެ.
ކޮމެންޓު ފޮނުވާ