ގުރައިދޫ ކައުންސިލްގެ ރައީސްކަން ވޯޓަކާ ނުލައި ޕީއެންސީގެ ޝަލީޒަށް ކަށަވަރުވެއްޖެ

ގުރައިދޫ ކައުންސިލްގެ ރައީސްކަން ވޯޓަކާ ނުލައި ޕީއެންސީގެ ޝަލީޒަށް ކަށަވަރުވެއްޖެ

Author
ހުސައިން
19 ފެބްރުއަރީ 2026 05:36
0

ކ. ގުރައިދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރެއްވި އިދިކޮޅު ކެންޑިޑޭޓްގެ ކެންޑިޑެސީ ބާތިލުވުމާ ގުޅިގެން، ވޯޓަކާ ނުލައި އެ މަގާމަށް ޕީއެންސީގެ ކެންޑިޑޭޓް އިބްރާހީމް ޝަލީޒް އިންތިޚާބުވެއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފިއެވެ.

މިގޮތަށް ކޮމިޝަނުން ނިންމީ، އެ މަގާމަށް ކުރިމަތިލެއްވި ގުރައިދޫ ރިނދަލިގެ، ޢަބްދުލްމަޖީދުގެ ކެންޑިޑެސީ ބަލައިނުގަތުމަށް އީސީން ނިންމި މައްސަލަ ޝަރުއީ މަރުހަލާއިން ނާކާމިޔާބުވުމުންނެވެ. އެ މައްސަލަ ހައިކޯޓަށް ބަލައިނުގަތުމުން، ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމާފައިވަނީ އެ މައްސަލަ ބެލުމުގެ އިހްތިސާސް އެ ކޯޓަށް ލިބިގެން ނުވާކަމަށެވެ. އެހެންކަމުން، އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު އެ މަގާމަށް ޝަރުތު ހަމަވެފައިވަނީ ހަމައެކަނި ޕީއެންސީގެ ކެންޑިޑޭޓް ޝަލީޒްގެ އެކަންޏެވެ.

އީސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އިންތިޚާބު ކުރަންޖެހޭ އަދަދަށްވުރެ އިތުރަށް މީހުން ކުރިމަތިލާފައި ނުވާތީ، ގުރައިދޫ ކައުންސިލްގެ މިހާރުގެ ނައިބު ރައީސްގެ މަގާމުގައި ވެސް ހުންނެވި ޝަލީޒް، ކައުންސިލްގެ ރައީސްކަމަށް އިންތިޚާބު ވެއްޖެކަމަށެވެ. މިއާއެކު، އަންނަ އޭޕްރިލް 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓަކާ ނުލައި ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކުރި ގޮނޑީގެ އަދަދު މިވަނީ 69 އަށް އަރާފައެވެ.

ކުރިއަށް އޮތް އިންތިޚާބުގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ހިމެނޭހެން ޖުމްލަ 1،356 މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އިންތިޚާބުގައި ޕީއެންސީން ބޮޑު ކާމިޔާބީއެއް ހޯދާނެ ކަމަށް އެ ޕާޓީން އަންދާޒާކުރެއެވެ. އެގޮތުން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެފައިވަނީ މި އިންތިޚާބުގައި އެ ޕާޓީން 800 އާއި 900 އާ ދެމެދުގެ އަދަދަކަށް ގޮނޑި ކާމިޔާބު ކުރާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.