ގެވެށި އަނިޔާގެ ރައްކާތެރިކަމުގެ އަމުރާ ޚިލާފުވެގެން މިދިޔަ އަހަރު 38 މީހަކު ހައްޔަރަށް

ގެވެށި އަނިޔާގެ ރައްކާތެރިކަމުގެ އަމުރާ ޚިލާފުވެގެން މިދިޔަ އަހަރު 38 މީހަކު ހައްޔަރަށް

Author
ޙަސަން މުޙައްމަދު
19 ފެބްރުއަރީ 2026 05:33
0

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ކޯޓުތަކުން ނެރެފައިވާ ރައްކާތެރިކުރުމުގެ އަމުރުތަކާ ޚިލާފުވެގެން، ވޭތުވެދިޔަ އަހަރުގެ ތެރޭގައި 38 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، އަނިޔާ ލިބޭ ފަރާތްތަކުގެ ހިމާޔަތުގައި ނެރޭ ކޯޓު އަމުރުތަކާ ޚިލާފުވުމުގެ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ އަހަރު އެކަނިވެސް، ރައްކާތެރިކުރުމުގެ އަމުރާ ޚިލާފުވެގެން ޖުމްލަ 99 މައްސަލައެއް ފުލުހަށް ހުށަހަޅާފައިވެއެވެ. މި މައްސަލަތަކާ ގުޅިގެން މީހުން ހައްޔަރުކުރުމުގެ އިތުރުން، ތަހުގީގު ފުރިހަމަކޮށް 24 މައްސަލައެއްގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

ރައްކާތެރިކުރުމުގެ އަމުރަކީ އަނިޔާގެ އަމަލެއް ތަކުރާރުވެދާނެކަމުގެ ބިރު އޮންނަ ހާލަތްތަކުގައި، ޝިކާރައަކަށްވާ ފަރާތުގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމާއި ސަލާމަތްތެރިކަން ކަށަވަރުކޮށްދިނުމަށް ކޯޓުން ނެރޭ ޤާނޫނީ އަމުރެކެވެ. މި އަމުރު މެދުވެރިކޮށް، އަނިޔާކުރާ ފަރާތުން ވަކި ކަންތައްތަކެއް ކުރުމަށް ނުވަތަ ވަކި ކަންތައްތަކެއް ނުކުރުމަށް ލާޒިމުކުރެއެވެ. ފުލުހުން ފާހަގަކުރާ ގޮތުގައި މިފަދަ އަމުރުތަކުގެ މައިގަނޑު މަގުސަދަކީ އަނިޔާ ލިބޭ މީހުންގެ އަސާސީ ހައްގުތައް ރައްކާތެރިކޮށްދިނުމެވެ.

ރާއްޖޭގެ މުޖުތަމައުގައި ގެވެށި އަނިޔާއާއި ޖިންސީ ގޯނާގެ މައްސަލަތައް ގިނަކަން ތަފާސްހިސާބުތަކުން ދައްކާއިރު، މީގެ ތެރެއިން ގިނަ މައްސަލަތަކަކީ އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅުންހުރި މައްސަލަތައްކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.