ހިޔާ ޓަވަރުތަކަށް ކުނިއަޅައި ގޮނޑުކުރާ މީހުން ހޯދައި، އެކަން ހުއްޓުވުމުގެ މަސައްކަތް ފަށައިފި

ހިޔާ ޓަވަރުތަކަށް ކުނިއަޅައި ގޮނޑުކުރާ މީހުން ހޯދައި، އެކަން ހުއްޓުވުމުގެ މަސައްކަތް ފަށައިފި

Author
ހުސައިން
19 ފެބްރުއަރީ 2026 01:25
0

ރޯދަ މަހާ ދިމާކޮށް ހިޔާ ފުލެޓުތަކުގެ އާންމު ސަރަހައްދުތަކަށް ކުނިއަޅައި ގޮނޑުކުރާ މައްސަލަ ބޮޑުވުމާ ގުޅިގެން، އެކަން ކުރާ ފަރާތްތައް ދެނެގަނެ އެކަން ހުއްޓުވުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.

ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހާ ދިމާކޮށް ގޭތެރެ ޒީނަތްތެރިކޮށް، ހިފައިގެންގުޅޭ ފަރުނީޗަރު ފަދަ ތަކެތި އާކުރުމަކީ ދިވެހިންގެ ތެރޭގައި އޮންނަ ސަގާފަތެކެވެ. ނަމަވެސް މިކަމުގެ ތެރެއިން އުކާލެވޭ ތަކެތި މަގުމައްޗަށާއި އިމާރާތްތަކުގެ އާންމު ސަރަހައްދުތަކަށް އަޅައި، އެތަންތަން ގޮނޑުކުރަމުންދާ މައްސަލައަކީ ތަކުރާރުކޮށް ފެންނަ ހިތާމަވެރި މަންޒަރެކެވެ. މި ފަހުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި، ހިޔާ ޓަވަރުތަކުގެ ލިފްޓު ގޮޅިތަކާއި ކޮރިޑޯތަކުގައި ބޮޑެތި ފަރުނީޗަރާއި ކަރުދާސް ފޮށިތައް ވަނީ ފުނިޖަހާފައެވެ.

މި ތަކެތި ނަގައި ސާފުކުރުމުގެ މަސައްކަތް އެޗްޑީސީގެ މުވައްޒަފުން ކުރަމުންދާއިރު، މިކަމާ ގުޅިގެން "ސަން" އަށް މައުލޫމާތު ދެއްވަމުން އެ ކޯޕަރޭޝަންގެ އޮފިޝަލަކު ވިދާޅުވީ ކުނި އެޅުމުގެ މައްސަލަ ފާހަގަވީ އިއްޔެ ކަމަށެވެ. އާންމު ސަރަހައްދުތަކަށް ކުނި އެޅުމަކީ މަނާކަމެއްކަން ފާހަގަކުރައްވައި އޮފިޝަލް ވިދާޅުވީ، ކުނި އަޅާ މީހުން ދެނެގަނެ އެކަން ތަކުރާރު ނުކުރުމަށް އެ ފަރާތްތަކަށް އަންގަމުންދާ ކަމަށެވެ.

މީގެ ކުރިން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ޓަވަރުތަކުގައި ވެސް މިފަދަ މައްސަލަތަކެއް ފެންމަތިވެ، އެކަން ކުރި ދެ މީހަކު ޖޫރިމަނާކޮށްފައިވެއެވެ. ނަމަވެސް ހިޔާ ސަރަހައްދުން މިހާތަނަށް މީހަކަށް ފިޔަވަޅު އެޅިކަން އަދި ކަށަވަރުވެފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.