ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުން އިސްމާއީލް ނަވީން ރިޓަޔާކުރެއްވުމާ ގުޅިގެން، ފުލުހުންގެ މުއައްސަސާ ހިންގެވުން ވަގުތީ ގޮތުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއާ ހަވާލުކުރައްވައިފިއެވެ.
ފުލުހުންގެ އިދާރާއިން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އިއްޔެއިން ފެށިގެން ފުލުހުންގެ ޚިދުމަތް ވަގުތީ ގޮތުން ހިންގެވުމަށް ފަރުހާދު ހަމަޖައްސަވާފައިވަނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ކަމަށެވެ. މި ބަދަލު މި ގެނައީ ފުލުހުންގެ އެންމެ އިސްވެރިޔާގެ މަގާމުގައި ހުންނެވި އިސްމާއީލް ނަވީން އިއްޔެ ޝަރަފުވެރިކަމާއެކު ޚިދުމަތުން ވަކިވެވަޑައިގަތުމުންނެވެ.
މުއައްސަސާ ހިންގެވުމާ ވަގުތީގޮތުން ހަވާލުވެވަޑައިގެންނެވި ފަރުހާދަކީ 1991 ވަނަ އަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހު ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގެންނެވި، ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރައްވާފައިވަނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ.
ފުލުހުންގެ ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި ފަރުހާދު ވަނީ މުއައްސަސާގެ މުހިންމު ގިނަ ގޮފިތަކެއްގައި އިސް ދައުރެއް އަދާކުރައްވާފައެވެ. އޭގެ ތެރޭގައި އޮޕަރޭޝަނަލް ދާއިރާއާއި، ތަހުގީގީ ދާއިރާގެ އިތުރުން އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ދާއިރާގެ އެކި ބަހާތަކުގެ ވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވުން ހިމެނެއެވެ. ޑީސީޕީގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ފަރުހާދު ހުންނެވީ ހެޑް އޮފް އޮޕަރޭޝަނަލް ސަޕޯޓް ކޮމާންޑްގެ މަގާމުގައެވެ. އަދި ޕީޕަލްސް ޑައިރެކްޓްރޭޓްގެ އެކްޓިން ހެޑްގެ ގޮތުގައި ވެސް އޭނާ ވަނީ ޚިދުމަތް ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ