ފުވައްމުލަކު މޭޔަރުކަމަށް ވާދަކުރައްވާ މަސީހުގެ ކެމްޕެއިން ފޯރިގަދަކޮށް، ރައްޔިތުންނަށް ޚާއްސަ މާހެފުމެއް ބާއްވައިފި

ފުވައްމުލަކު މޭޔަރުކަމަށް ވާދަކުރައްވާ މަސީހުގެ ކެމްޕެއިން ފޯރިގަދަކޮށް، ރައްޔިތުންނަށް ޚާއްސަ މާހެފުމެއް ބާއްވައިފި

Author
ޙަސަން މުޙައްމަދު
18 ފެބްރުއަރީ 2026 01:38
0

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ފުވައްމުލަކު ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އަލީ މަސީހް، އެ ސިޓީގެ ރައްޔިތުންނާއެކު ގުޅުން ބަދަހިކުރުމުގެ ގޮތުން ފޯރިގަދަ ސައިކަލް ބުރަކާއެކު އިއްޔެ ބޮޑު މާހެފުމެއް ބާއްވައިފިއެވެ.

މަސީހުގެ ކެމްޕެއިން އޮފީހުން ފެށި މި ހަރަކާތުގައި ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވެފައިވާއިރު، ސައިކަލް ބުރު ނިންމާލާފައިވަނީ ފުވައްމުލަކު ތުނޑި ސަރަހައްދަށެވެ. އެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ މާހެފުމުގައި ބާބަކިއުއާއެކު އެކުވެރި މާހައުލެއްގައި ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ފުރުސަތު ފަހިވެގެން ދިޔައެވެ. މިއީ މޭޔަރު ކަމަށް ވާދަކުރައްވާ އެންމެ ޒުވާން ކެންޑިޑޭޓުގެ ގޮތުގައި ހުންނެވި މަސީހް، މިމަހުގެ 4 ވަނަ ދުވަހު ރަސްމީކޮށް ކެމްޕެއިން ފެއްޓެވި ފަހުން ބޭއްވި އެންމެ ބޮޑު އެއް ހަރަކާތެވެ.

ކެމްޕެއިން ހަރަކާތްތައް ފުޅާކުރައްވަމުން ގެންދަވާ މަސީހް އަންނަނީ ގޭގެއަށް ޒިޔާރަތްކުރައްވައި، ރައްޔިތުންގެ ހާލުއަހުވާލު ގާތުން ބައްލަވައި، އެމީހުންގެ ކަންބޮޑުވުންތައް އަޑުއައްސަވަމުންނެވެ. މަސީހުގެ ތަސައްވުރު ބިނާވެފައިވަނީ ފުވައްމުލަކަކީ އިގްތިސާދީ ގޮތުން ފުދުންތެރި ތަނަކަށް ހެއްދެވުމުގެ މައްޗަށެވެ. މީގެ ތެރޭގައި ވިޔަފާރިތައް ކުރިއެރުވުމާއި، ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމުގެ އިތުރުން ސިޓީގެ އާބާދީ އިތުރުކޮށްގެން އިގްތިސާދީ މަންފާ ހޯދުން ހިމެނެއެވެ.

މީގެއިތުރުން، ފުވައްމުލަކުގެ ގުދުރަތީ ރީތިކަން، ޚާއްސަކޮށް ކުޅިތައް ބޭނުންކޮށްގެން ފަތުރުވެރިކަން ކުރިއެރުވުމާއި، ތައުލީމީ މަރުކަޒަކަށް އެ ސިޓީ ބަދަލުކުރުމަކީވެސް މަސީހުގެ މުހިންމު އަމާޒެކެވެ. އޭނާ ވިދާޅުވާ ގޮތުގައި ބޭނުންވަނީ ވަގުތީ ހައްލުތަކެއް ނޫނެވެ. އޭގެ ބަދަލުގައި ރައްޔިތުންގެ މަޝްވަރާއާއެކު ގެނެވޭ ދެމެހެއްޓެނިވި ތަރައްގީއާއި ހަމަހަމަ ފުރުސަތުތައް ގާއިމުކޮށްދިނުމަކީ އޭނާގެ ވައުދެކެވެ. އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު އިންތިހާބު ބާއްވަން ތައްޔާރުވަމުންދާއިރު، ފުވައްމުލަކުގައި އެންމެ ވަރުގަދަ ކެމްޕެއިނެއް ކުރައްވަމުން ގެންދަވަނީ މަސީހްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.