ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ވިޔަފާރިކޮށްލެވޭނެ އިންތިޒާމު ހަމަޖައްސައި، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ބޮޑު ސުޕަމާކެޓެއް ހުޅުމާލެ ފޭސް 1 ގައި ހުޅުވައި ޚިދުމަތް ދޭން ފަށައިފި އެވެ.
މި ފިހާރަ ރަސްމީކޮށް ހުޅުއްވައިދެއްވީ ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. މި ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އާއި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. އާންމުންނަށް ފަސޭހައިން ދެވޭނެހެން ހައިވޭއިން ފައިބައިގެން ދެވޭ ރީތިގަސް މަގުގައި ހުންނަ "ރެއިން ކޮރަލް" އިމާރާތުގައި މި ފިހާރަ ގާއިމުކޮށްފައިވާއިރު، މިއީ ޖާގައިގެ ގޮތުން ތަނަވަސް ފިހާރައެކެވެ.
މި އައު ފިހާރައިން މާލޭގެ ޕީޕަލްސް ޗޮއިސް ސުޕަމާކެޓުން ލިބެން ހުންނަ ހުރިހާ ބާވަތެއްގެ މުދާ ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ. އޭގެ ތެރޭގައި އާންމު މުދަލުގެ އިތުރުން، އެސްޓީއޯއިން އެތެރެކޮށް ވިއްކާ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ފިލިޕްސް، ހިޓާޗީ އަދި އެލްޖީގެ އިލެކްޓްރޯނިކް ސާމާނު ވެސް މިތަނުން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.
އެސްޓީއޯއިން އަންނަނީ ހުޅުމާލޭގައި ފުޅާ ދާއިރާއެއްގައި ޚިދުމަތް ދެމުންނެވެ. އެގޮތުން މި ހުޅުވުނު އައު ސުޕަމާކެޓުގެ އިތުރުން، ހުޅުމާލެ ފޭސް 1 ގައި އެ ކުންފުނީގެ ހޯލްސޭލް ސެންޓަރަކާއި ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ފިހާރައެއް ވެސް މިހާރު ހުރެ އެވެ.
ކޮމެންޓު ފޮނުވާ