ބަނގުލަދޭޝްގެ އައު ސަރުކާރު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، އެ ގައުމުގެ އައު ބޮޑުވަޒީރު ތާރިގު ރަހުމާންއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ބަނގުލަދޭޝް ނެޝަނަލް ޕާޓީ (ބީއެންޕީ) އިން ކާމިޔާބުކުރި އިންތިޚާބަށްފަހު، އައު ސަރުކާރު ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުއިއްޒު ބަނގުލަދޭޝްއަށް ވަޑައިގެންނެވީ ވެސް މިއަދުއެވެ. މި ރަސްމިއްޔާތުގައި ބޮޑުވަޒީރުކަމުގެ ހުވާ ތާރިގު ރަހުމާން ކުރެއްވިއިރު، އެ ގައުމުގެ ޕާލަމެންޓަށް ހޮވިވަޑައިގެންނެވި މެންބަރުންވެސް ވަނީ މިއަދު ހުވާކުރައްވާފައެވެ.
މި ދަތުރުފުޅުގެ ހަވާސާގައި ރައީސް މުއިއްޒު ވަނީ ބަނގުލަދޭޝްގެ އައު ބޮޑުވަޒީރާ ބައްދަލުކުރައްވާފައިކަމަށް ރައީސް އޮފީހުން ކަށަވަރުކޮށްދީފައިވެއެވެ. ނަމަވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވި ކަންކަމުގެ ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.
ރާއްޖެއާއި ބަނގުލަދޭޝްއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރީ 1978 ވަނަ އަހަރު ކަމަށްވާއިރު، ދެ ގައުމުގެ ދެމެދުގައި ވަނީ ޒަމާންވީ ގާތް ގުޅުމެއް އުފެದಿފައެވެ. އެއް ދުވަހުގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މުއިއްޒު މިއަދުގެ ވަގުތެއްގައި އެނބުރި މާލެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓު ފޮނުވާ