އީސީގެ މެންބަރުކަމަށް ރިފްއަތު އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

އީސީގެ މެންބަރުކަމަށް ރިފްއަތު އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

Author
ހުސައިން
17 ފެބްރުއަރީ 2026 01:53
0

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުކަމަށް، އެ ކޮމިޝަނުގެ ލީގަލް ޑިޕާޓްމަންޓުގެ ކުރީގެ ޑެޕިއުޓީ ޑިރެކްޓަރު ރިފްއަތު އަބްދުﷲ އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

ރިފްއަތު މި މަގާމަށް އައްޔަންކުރުމަށް ފާސްކޮށްފައިވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ ވޯޓުންނެވެ. އީސީގެ މެންބަރުކަމަށް ރިފްއަތު އައްޔަންކުރަން ނިންމީ، އެ ކޮމިޝަންގެ މެންބަރުކަމުގައި މިހާރު ހުންނެވި ޑރ. މުހައްމަދު ޒާހިރުގެ ފަސް އަހަރުގެ ދައުރު މި މަހުގެ 21 ވަނަ ދުވަހު ހަމަވާތީއެވެ.

މި މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން، މިހާރުގެ މެންބަރު ޑރ. ޒާހިރު ހިމެނޭހެން ޖުމްލަ ފަސް ބޭފުޅަކު ކުރިމަތިލެއްވިއެވެ. ނަމަވެސް، އޭގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވީ ހަމައެކަނި ރިފްއަތުގެ ނަންފުޅެވެ. ރިފްއަތުގެ ނަންފުޅު ދިރާސާކުރުމަށްފަހު، މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިއްޔެ ވަނީ އޭނާއާ އިންޓަވިއުކޮށް، މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް ނިންމާފައެވެ.

އީސީގެ މެންބަރުކަމަށް ރުހުން ލިބުނު ރިފްއަތަކީ މީގެ ކުރިންވެސް އެ ކޮމިޝަންގައި މަސައްކަތްކުރައްވާ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން 2017 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް އޭނާ ވަނީ އިލެކްޝަންސް ކޮމިޝަންގެ ލީގަލް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމު އަދާކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.