ކައުންސިލަރުންނަކީ ވެރިން ރުއްސަން ތިބޭ ބައެއް ނޫން، ބާރުތައް މުށުތެރެއަށް ލައިގެން ތަރައްގީއެއް ނުވާނެ: ސޯލިހު

ކައުންސިލަރުންނަކީ ވެރިން ރުއްސަން ތިބޭ ބައެއް ނޫން، ބާރުތައް މުށުތެރެއަށް ލައިގެން ތަރައްގީއެއް ނުވާނެ: ސޯލިހު

Author
ޙަސަން މުޙައްމަދު
17 ފެބްރުއަރީ 2026 09:51
0

ލޯކަލް ކައުންސިލްތަކަށް މެމްބަރުން އިންތިހާބު ކުރަނީ ވެރިން ރުއްސުމަށާއި އެމީހުންނަށް ސަނާކިޔުމަށް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރަން ތިބޭ ބައެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ގދ. ތިނަދޫގައި ރޭ އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ކައުންސިލަރުންނަކީ ސަރުކާރުގެ ވެރިން ބުނާހާ ގޮތަކަށް "އާނބަސް" ބުނަން ތިބޭ ބައެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި، ސަރުކާރުން ވައުދެއް ވުމުން ނުވަތަ ކަމަކަށް އެދުމުން، އެކަމަކީ ހަގީގަތުގައިވެސް ކުރެވިދާނެ ކަމެއްތޯއާއި އޭގެ ފައިދާ ރައްޔިތުންނަށް ކުރާނެތޯ އަމިއްލަ ވިސްނުމުން ކިރާލަން ޖެހޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޚާއްސަކޮށް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ވެފައިވާ ބޮޑެތި ވައުދުތައް ފުއްދުމުގެ ގާބިލުކަން ހުރިތޯ ކައުންސިލަރުން ސުވާލު އުފައްދަވަން ޖެހޭނެކަމަށް ސޯލިހު ފާހަގަކުރެއްވިއެވެ.

މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ސޯލިހު ވިދާޅުވީ، އެމްޑީޕީގެ ފަލްސަފާއަކީ ލާމަރުކަޒީ ނިޒާމުން ރަށްރަށަށް ބާރުތައް ދޫކޮށްލުން ކަމުގައި ވީނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވަނީ ބާރުތައް މުށުތެރެއަށް ޖަމާކުރެއްވުމުގެ ސިޔާސަތެއް ކަމަށެވެ. ހުރިހާ ބާރެއް ރައީސް އޮފީހަށް ޖަމާކޮށްގެން ވެރިކަން ކުރުމަކީ ވެރިމީހާއަށް ފަސޭހަ ގޮތެއް ކަމުގައި ވިޔަސް، އެގޮތަށް އަމަލުކޮށްގެން ރާއްޖެ ތަރައްގީ ނުކުރެވޭނެ ކަމަށާއި، އެއީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ތިނަދޫގެ ތަރައްގީއަށް އަލިއަޅުއްވާލައްވަމުން ކުރީގެ ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި ތިނަދޫއަކީ ސިނާއީ ރަށެއްގެ ގޮތުގައި ތަރައްގީކޮށް، ވިޔަފާރި ބަނދަރަކާއި ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރުމުގެ މަސައްކަތް ފެށީ ރައްޔިތުންގެ މަޝްވަރާއާއެކު ކަމަށެވެ. އެހެންކަމުން މި ސަރުކާރުން ވެސް އައު ކަންތައްތަކެއް ފެށުމުގެ ބަދަލުގައި، ފަށާފައި ހުރި އެފަދަ މުހިންމު މަޝްރޫއުތައް ހުއްޓާނުލައި ނިންމައިދިނުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ސޯލިހުގެ ވާހަކަފުޅު ނިންމަވާލެއްވީ، މިހާރުގެ ސަރުކާރުން ރަށްރަށަށް ބާރުތައް ދޫކޮށްލުމުގެ ވިސްނުން ނެތްކަމަށާއި، ތަރައްގީގެ ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުން ކުޑަކުރަމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.