ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރަމުން އަންނަ މުހިންމު މަސައްކަތްތައް ފާހަގަކޮށް، އެ ބޭންކަށް ޚާއްސަ ޝަރަފުގެ އެވޯޑެއް ދީފިއެވެ.
މި އެވޯޑު ބީއެމްއެލްއަށް ލިބިފައިވަނީ ސްޕޯޓްސް މިނިސްޓްރީން އިންތިޒާމުކޮށްގެން ރޭ ބޭއްވި "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް" ގައެވެ. ބޭންކުގެ ފަރާތުން މި ފަޚުރުވެރި އެވޯޑާ ހަވާލުވެވަޑައިގެންނެވީ، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފެވެ.
ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ބޭންކުން ކޮންމެ އަހަރަކުވެސް އަންނަނީ ގިނަ ގުނަ އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. އެގޮތުން ފުޓްބޯޅަ، ސްވިމިން، ޓެނިސް، ބާސްކެޓްބޯޅަ އަދި ސާފިން ފަދަ އެކި ކުޅިވަރު އެސޯސިއޭޝަންތަކާ އެކު ދިގު މުއްދަތުގެ ޕާޓްނާޝިޕްތައް ގާއިމްކޮށް، ގައުމީ ފެންވަރުގެ މުބާރާތްތައް ބޭއްވުމަށާއި ކުޅުންތެރިންގެ ހުނަރު އިތުރުކުރުމަށް ބޭންކުން ދަނީ މާލީ އަދި ފަންނީ އެހީތެރިކަން ދެމުންނެވެ.
މީގެ އިތުރުން، އެތުލީޓުން ބައިނަލްއަގުވާމީ ފެންވަރަށް ގެންދިއުމަށްޓަކައި 2023 ވަނަ އަހަރު ތައާރަފުކުރި 'ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕް' ގެ ދަށުން މިހާތަނަށް އަށް އެތުލީޓަކަށް ރާއްޖެއިން ބޭރުން ތަމްރީނު ހޯދުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. އަދި ކުޅިވަރުގެ އުމްރާނީ ތަރައްގީއަށް އެހީވުމުގެ ގޮތުން، ބާސްކެޓްބޯޅަ އެރީނާއެއް ތަރައްގީ ކުރުމަށް އެމްބީއޭއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.
ރާއްޖޭގެ އެންމެ ފޯރިގަދަ ކުޅިވަރު ކަމަށްވާ ފުޓްބޯޅައަށް ވެސް ބޭންކުން ޚާއްސަ އިސްކަމެއް ދެއެވެ. އެގޮތުން 2017 ވަނަ އަހަރުން ފެށިގެން ގައުމީ ފުޓްބޯޅަ ޓީމުގެ ރަސްމީ ސްޕޮންސަރުގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަނީ ބީއެމްއެލް އިންނެވެ.
ކޮމެންޓު ފޮނުވާ