ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ފަށާފައިވާ މަޝްރޫއުގެ ދަށުން، ބާޒާރުމަތީ ސަރަހައްދުގައި ތާރުއަޅައި ނިންމާފައިވާ ބައި، އަންނަ ހޯމަ ދުވަހުގެ ފަތިހު އާންމު ދަތުރުފަތުރަށް ހުޅުވާލަން ނިންމައިފިއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޗާންދަނީ މަގުން ފެށިގެން ފާލަންދޮށު ހިނގުމާ ހަމައަށް (މަސްމާރުކޭޓުން ނޯތު ހާބަރު ނިމޭ ހިސާބަށް) އަލަށް ތަރައްގީކުރި ބައި، 16 ފެބްރުއަރީ 2026 ވާ ހޯމަ ދުވަހުގެ ފަތިހު 5:00 އިން ފެށިގެން ބޭނުން ކުރެވޭނެ ކަމަށެވެ. މިއީ ދެކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި ކަނޑައަޅައި، ހަތަރު ލޭނު ހިމެނޭހެން ތަރައްގީކޮށްފައިވާ ސަރަހައްދެކެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް ގެނެވުނު މި ބަދަލާއެކު، މާލޭގެ އެންމެ ކާރޫބާރު ބޮޑު ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ހެޔޮ ބަދަލެއް އައިސް، ރައްޔިތުންނަށް ދަތުރުފަތުރުގެ ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މި މަގު ރަސްމީކޮށް ހުޅުވާލުމުގެ ތައްޔާރީތަކުގެ ތެރެއިން، އެ ސަރަހައްދު ފެހިކުރުމަށްޓަކައި ގަސް އިންދުމުގެ ޚާއްސަ ހަރަކާތެއް ވެސް މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ 144 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން، ހެންވޭރު ޓާމިނަލްއާ ހަމައަށް މަގު ފުޅާކޮށް ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އޭޕްރީލް 2025 ގައި ފެށި މި މަސައްކަތް ނިމޭއިރު، ޒަމާނީ ފެން ހިންދާ ނިޒާމުތައް ގާއިމުކުރެވި، ދުއްވާ ތަކެއްޗަށާއި ހިނގާ މީހުންނަށް ވެސް ފަސޭހަ މަގަކަށް ބޮޑުތަކުރުފާނު މަގު ވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
ކޮމެންޓު ފޮނުވާ