ލޯކަލް ކައުންސިލް އިންތިޚާބު: ރީ-ރަޖިސްޓްރީވުމުގެ ފުރުޞަތު މާދަމާ ހަމަވަނީ

ލޯކަލް ކައުންސިލް އިންތިޚާބު: ރީ-ރަޖިސްޓްރީވުމުގެ ފުރުޞަތު މާދަމާ ހަމަވަނީ

Author
ޙަސަން މުޙައްމަދު
15 ފެބްރުއަރީ 2026 10:44
0

އަންނަ އޭޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި، ވޯޓުލާ ތަން ބަދަލުކުރުމަށް ނުވަތަ ރީ-ރަޖިސްޓަރީވުމަށް ހުޅުވާލާފައިވާ ފުރުޞަތު މާދަމާ، 2026 ފެބުރުވަރީ 16 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 3:00 އަށް ހަމަވާނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާ ގޮތުގައި މި މުއްދަތުގައި ރަޖިސްޓަރީވާން ޖެހޭނީ، 2024 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި މިފަހަރު ވޯޓުލާން ބޭނުންވާ ފަރާތްތަކުންނެވެ. ޚާއްޞަ ގޮތެއްގައި ސަމާލުކަން ދޭންޖެހޭ ކަމަކީ، ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ރިސޯޓުތަކާއި، ސިނާއީ ރަށްރަށާއި، ޖަލުތަކުގެ އިތުރުން ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ރަޖިސްޓަރީކުރި މީހުން، މި އިންތިޚާބުގެ ރަޖިސްޓަރީގައި މިހާރު ވާނީ އެމީހެއްގެ ދާއިމީ އެޑްރެހަށް ބަދަލުކޮށްފައެވެ. އެހެންކަމުން، ދާއިމީ އެޑްރެސް ނޫން ތަނެއްގައި އެފަރާތްތަކުން ވޯޓުލާން ބޭނުންވާނަމަ، މާދަމާގެ ނިޔަލަށް ރަޖިސްޓަރީވާން ޖެހޭނެއެވެ.

ވޯޓުލުމަށް މިހާރު ރަޖިސްޓަރީވެފައިވާ ތަން ޔަގީންކުރުމަށްޓަކައި، VR ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކޮށް، އައިޑީ ކާޑު ނަންބަރު ލިޔުއްވައި 1414 އަށް އެސްއެމްއެސް ކުރެއްވުމުން އެ މަޢުލޫމާތު ސާފުވާނެއެވެ. ރަޖިސްޓަރީވެފައިވާ ތަން ބަދަލުކުރަން ބޭނުންވާނަމަ، އިލެކްޝަންސް ކޮމިޝަނުގެ 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' (form.elections.gov.mv) ނުވަތަ 'މައި ޕޯޓަލް' (my.elections.gov.mv) މެދުވެރިކޮށް އޮންލައިންކޮށް އެކަން ކުރިއަށް ގެންދެވޭނެއެވެ.

ވޯޓުލުމުގެ ޙައްޤު ލިބިފައިވާ އެންމެހާ ފަރާތްތަކުންވެސް މުއްދަތު ހަމަވުމުގެ ކުރިން ރަޖިސްޓްރޭޝަން ކަންކަން ފުރިހަމަ ކުރުމަށް ކޮމިޝަނުން އިލްތިމާސްކުރެއެވެ. އަދި އޮންލައިންކޮށް ރީ-ރަޖިސްޓަރީވުމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ 1414 އަށް ގުޅުއްވުމަށް އެ ކޮމިޝަނުން ވަނީ އެދިވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.