ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަވެރިއަކު ނެތުމުގެ ސަބަބުން، ވޯޓަކާ ނުލައި ސަރުކާރު ހިންގާ ޕީއެންސީން ޖުމްލަ 69 ގޮނޑި ކާމިޔާބުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު ބައެއް ދާއިރާތަކަށް އިންތިޚާބު ކުރަންޖެހޭ އަދަދަށްވުރެ ގިނައިން މީހުން ކުރިމަތިލާފައެއް ނުވެއެވެ. އަދި ބައެއް ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމާ ގުޅިގެން، ކައުންސިލްތަކުގެ 28 ގޮނޑިއެއް ޕީއެންސީއަށް ވަނީ ކަށަވަރުވެފައެވެ. މީގެ ތެރޭގައި ހއ. އުތީމާއި ބާރަށުގެ އިތުރުން، އއ. ހިމަންދޫ، އދ. ކުނބުރުދޫ، މަންދޫ އަދި ދިއްދޫ ކައުންސިލްގެ ރައީސްކަމުގެ ގޮނޑި ހިމެނެއެވެ. މީގެ އިތުރުން އެކި ރަށްރަށުގެ ކައުންސިލް މެންބަރުކަމާއި އަންހެނުންނަށް ޚާއްޞަ ގިނަ ގޮނޑިތަކެއް ވެސް އެ ޕާޓީއަށް ވަނީ ލިބިފައެވެ.
އިދިކޮޅު އެމްޑީޕީއަށް ކައުންސިލްތަކުން ވޯޓަކާ ނުލައި ލިބުނީ ހަމައެކަނި އއ. ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސްކަމުގެ ގޮނޑިއެވެ. އަދާލަތު ޕާޓީއަށް ރ. ކިނޮޅަސް ކައުންސިލްގެ މެންބަރުކަން ލިބުނުއިރު، އަމިއްލަ ގޮތުން ވާދަކުރެއްވި ތިން ބޭފުޅަކު ވެސް ވަނީ އިންތިޚާބަކާ ނުލައި ގޮނޑި ކަށަވަރުކުރައްވާފައެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ނަތީޖާއަށް ބަލާއިރު ވެސް ކުރީގައި އުޅެނީ ޕީއެންސީއެވެ. އެ ޕާޓީން 41 ގޮނޑި ކަށަވަރުކުރިއިރު، އެމްޑީޕީއަށް ލިބިފައިވަނީ ފަސް ގޮނޑިއެވެ. މި ބައިން އަދާލަތު ޕާޓީއަށް އެއް ގޮނޑި އަދި އަމިއްލަ ކެންޑިޑޭޓުންނަށް ދެ ގޮނޑި ވަނީ ލިބިފައެވެ.
އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ މި އިންތިޚާބުގައި މިހާރު ވާދަކުރަނީ 2,962 ކެންޑިޑޭޓުންނެވެ. ބައެއް ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމާ ގުޅިގެން ކެންޑިޑޭޓުންގެ އަދަދަށް ބަދަލު އައިސްފައިވާއިރު، ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް ގުރުއަތު ނެގުމުގެ ކަންކަން މިހާރު ވަނީ ފުރިހަމަކޮށްފައެވެ.
ސަރުކާރަށް ގިނަ ގޮނޑިތަކެއް އިންތިޚާބަކާ ނުލައި ލިބިފައިވީ ނަމަވެސް، އިދިކޮޅު ފަރާތްތަކުން އަންނަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން، ކެންޑިޑޭޓުން ނަން އަނބުރާ ގެންދަނީ ސަރުކާރުން ނުފޫޒު ފޯރުވައި، ވަޒީފާއާއި ފައިސާގެ ހުށަހެޅުންތައް ހުށަހަޅައިގެން ކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ.
ކޮމެންޓު ފޮނުވާ