ރޯދަ ޕްރޮމޯޝަންގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވެ، ހަފުތާއެއް ތެރޭ ދެ ލައްކައަށްވުރެ ގިނަ ރުފިޔާގެ ގެއްލުން

ރޯދަ ޕްރޮމޯޝަންގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވެ، ހަފުތާއެއް ތެރޭ ދެ ލައްކައަށްވުރެ ގިނަ ރުފިޔާގެ ގެއްލުން

Author
އަހުމަދު
14 ފެބްރުއަރީ 2026 11:05
0

ރޯދަ މަހާ ދިމާކޮށް ވިޔަފާރިތަކުން ހިންގާ ޕްރޮމޯޝަންތަކުގެ ނިވަލުގައި ތިބެ، މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ގިނަ މައްސަލަތަކެއް ފެންމަތިވަމުންދާތީ އެކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ހަމައެކަނި ވޭތުވެދިޔަ ހަފުތާގެ ތެރޭގައިވެސް މިފަދަ 48 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. ސީނިއަރ ސާރޖެންޓް ޢަބްދުﷲ ޝަހުނީޒް ވިދާޅުވި ގޮތުގައި މި މުއްދަތުގެ ތެރޭގައި އާންމުންނަށް ޖުމްލަ 230,020 ރުފިޔާގެ މާލީ ގެއްލުމެއް ވަނީ ލިބިފައެވެ. ސްކޭމަރުން އާންމުކޮށް މިކަން ކުރަމުންދަނީ ފޭސްބުކް މާކެޓް ޕްލޭސްއާއި އިންސްޓަގްރާމް ފަދަ ޕްލެޓްފޯމްތަކުގައި، އަސްލު ވިޔަފާރިތަކާ އެއްގޮތަށް ނުވަތަ ފޭކް ޕޭޖުތައް ހަދައިގެންނެވެ. މީގެ ތެރޭގައި ބޮޑެތި ޑިސްކައުންޓްތައް ދޭކަމަށް ދައްކައިގެން، ފައިސާ ދެއްކުމުން މުދާ ނުފޮނުވާ މައްސަލަތައް ގިނަކަން ފާހަގަކުރެވެއެވެ.

ވަކިން ޚާއްޞަކޮށް "ޕޮޝް"، "ލިޕްޓަސް" އަދި "ޑެކް" ގެ ނަމުގައި ހިންގާ ޕޭޖުތަކަކީ ސްކޭމް ހިންގާ ޕޭޖުތަކެއްކަން ފާހަގަކުރެވިފައިވާތީ އެކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އަންގާފައެވެ. މިފަދަ އޮޅުވާލުންތަކުން ސަލާމަތްވުމަށްޓަކައި، އޮންލައިންކޮށް ވިޔަފާރިކުރާއިރު އެއީ ރަޖިސްޓްރީކޮށްފައިވާ ސައްހަ ވިޔަފާރިއެއްތޯ އިކޮނޮމިކް މިނިސްޓްރީގެ ޕޯޓަލް (business.egov.mv) މެދުވެރިކޮށް ކަށަވަރުކުރުމަށް ފުލުހުން އިރުޝާދު ދެއެވެ. އަދި މުދާ ލިބޭނެކަން ޔަގީން ނުކޮށް ފައިސާ ނުދެއްކުމަށާއި، ވިޔަފާރިވެރިންވެސް އެފަރާތްތަކުގެ ރަސްމީ ޕޭޖުތައް މެދުވެރިކޮށް ސައްހަ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.