ކައުންސިލް އިންތިހާބު: ވޯޓުލާ ތަން ބަދަލުކުރުމުގެ ފުރުސަތު ހޯމަ ދުވަހު ހަމަވަނީ

ކައުންސިލް އިންތިހާބު: ވޯޓުލާ ތަން ބަދަލުކުރުމުގެ ފުރުސަތު ހޯމަ ދުވަހު ހަމަވަނީ

Author
ޙަސަން މުޙައްމަދު
14 ފެބްރުއަރީ 2026 02:15
0

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި، ރަޖިސްޓްރީ ވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލާން ބޭނުންވާ މީހުންނަށް ދީފައިވާ ރީ-ރަޖިސްޓްރޭޝަންގެ މުއްދަތު އަންނަ ހޯމަ ދުވަހު ހަމަވާނެއެވެ.

އިލެކްޝަންސް ކޮމިޝަނުން މި މަހުގެ 10 ވަނަ ދުވަހު ހުޅުވާލި މި ފުރުސަތު ހަމަވާނީ އަންނަ ހޯމަ ދުވަހުގެ މެންދުރުފަހު 3:00 އަށެވެ. މިއީ އޭޕްރީލް 4 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވޯޓުލާ ތަން ބަދަލުކުރުމަށް ލިބޭނެ އެންމެ ފަހު ފުރުސަތު ކަމަށްވާތީ، ވީހާވެސް އަވަހަށް ރަޖިސްޓްރީވެފައިވާ ތަން ޗެކްކުރުމަށް ކޮމިޝަނުން އިލްތިމާސްކުރެއެވެ. ވޯޓުލާން ރަޖިސްޓްރީ ވެފައިވާ ތަން ބެލުމަށް 1414 އަށް "VR" ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކޮށް އައިޑީކާޑު ނަމްބަރު ޖަހާފައި މެސެޖު ކުރުމުން ނުވަތަ ކޮމިޝަނުގެ ވެބްސައިޓް މެދުވެރިކޮށްވެސް ބަލާލެވޭނެއެވެ.

ކުރީގެ އިންތިހާބުތަކާ ހިލާފަށް، މިފަހަރު ރީ-ރަޖިސްޓްރީ ކުރަން ޖެހޭ މީހުންގެ އަދަދު މަދުވާނެއެވެ. ސަބަބަކީ ރައްޔިތުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން، އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި މީހާ ވޯޓުލީ ތަނަށް، މި އިންތިހާބުގެ ވޯޓުލާ ތަން އޮޓަމެޓިކުން ބަދަލުކޮށްފައި ވުމެވެ. މީގެ ކުރިން އަމަލުކުރަމުން އައީ ކޮންމެ އިންތިހާބެއްގައިވެސް ދާއިމީ އެޑްރެހަށް ވޯޓުލާ ތަން ބަދަލުވާ ގޮތަށެވެ.

ނަމަވެސް މި އުސޫލުން އިސްތިސްނާވާ ފަރާތްތަކެއް ވެއެވެ. އެގޮތުން ނިމިދިޔަ މަޖިލިސް އިންތިހާބުގައި ރިސޯޓުތަކާއި، ސިނާޢީ މަސައްކަތް ކުރާ ރަށްރަށާއި، ޖަލުތަކުގެ އިތުރުން ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ ރަޖިސްޓްރީ މިހާރު އޮންނާނީ އެ މީހެއްގެ ދާއިމީ އެޑްރެސް އޮންނަ ރަށަށް ބަދަލުކުރެވިފައެވެ. އަދި މިއަހަރު އަލަށް ވޯޓުލާ މީހުންގެ ނަންވެސް އޮންނާނީ ދާއިމީ އެޑްރެހުގައެވެ. އެހެންކަމުން މި ފަރާތްތަކުން އެހެން ތަނަކަށް ވޯޓުލާން ބޭނުންނަމަ، ހޯމަ ދުވަހުގެ ނިޔަލަށް ރީ-ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.