ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއު މިހާރު ކުރިއަށްދަނީ އެއްފަހަރާ ދެ ޑްރެޖަރު ބޭނުންކޮށްގެން ވަރަށް ހަލުވިކަމާއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިދިޔަ ސަރުކާރުން ފެށި ނަމަވެސް މެދުކެނޑިފައި އޮތް މި މަޝްރޫއުގެ މަސައްކަތް، މި ސަރުކާރުން އަލުން ފަށާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. ގިރާވަރުފަޅުން ޖުމްލަ 167.15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، އެމްއޭސީއެލްއާ ހަވާލުކޮށްގެން މިހާރު ކުރިއަށް ގެންދަނީ އޭގެ ތެރެއިން ނުހިއްކާ އޮތް 97.15 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތެވެ.
ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލުތަކާއެކު، އެ ފަޅުން ޖުމްލަ 4،072 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި އެންމެ ގިނައީ 1،250 އަކަފޫޓުގެ ގޯއްޗެވެ. އެ ސައިޒުގެ 2،603 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު، 1،650 އަކަފޫޓުގެ 1،214 ގޯއްޗާއި، 2،050 އަކަފޫޓުގެ 254 ގޯތިވެސް ދޫކުރާނެއެވެ. މީގެ އިތުރުން 2،450 އަކަފޫޓުގެ އެއް ގޯތި ދޫކުރުމަށް ވެސް ވަނީ ކަނޑައަޅާފައެވެ.
ކޮމެންޓު ފޮނުވާ