ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެތީ، ފުވައްމުލަކު ސިޓީގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި އާ ޖަނަރޭޓަރެއް ބެހެއްޓުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ފަށައިފިއެވެ.
ގާތްގަނޑަކަށް 4،000 ގޭބީސީ ހިމެނޭ އަދި 13،000 އެއްހާ މީހުން ދިރިއުޅޭ މި ސިޓީގައި ރޯދަ މަސް ފެށުމާ އެކު ކަރަންޓު ބޭނުންކުރާ މިންވަރު މަތިވާނެކަމަށް އެ ކުންފުނިން ލަފާކުރެއެވެ. މިކަމާ ގުޅޭގޮތުން ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން ފެނަކައިގެ އިންޖީނިއަރު އަހުމަދު ރަފީގު ވިދާޅުވީ، ފުވައްމުލަކުގެ ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ މި ވަގުތު ހުރީ 6 މެގަވޮޓުގައި ކަމަށެވެ. ނަމަވެސް ރޯދަމަހު ކަރަންޓު ބޭނުންކުރާ މިންވަރު 6.5 މެގަވޮޓަށް އިތުރުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި އިތުރުވާ ލޯޑަށް ބަލައި، ކަރަންޓު ކެނޑުނަ ނުދީ ޚިދުމަތް ދިނުމަށްޓަކައި 1.2 މެގަވޮޓްގެ އާ އިންޖީނެއް އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ރަފީގު ވިދާޅުވިއެވެ. ފުވައްމުލަކުގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ފެނަކައިން މިވަގުތު 9 ޖަނަރޭޓަރު ސެޓް ބޭނުންކުރަމުން އަންނައިރު، މި އާ އިންޖީނާއެކު އެ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅުވެގެންދާނެއެވެ.
ކޮމެންޓު ފޮނުވާ