ސައިންސްގެ ދާއިރާއިން އަންހެނުންނަށް ފުރުޞަތު ފަހިކޮށްދިނުމަށް މެޑަމް ސާޖިދާ ގޮވާލައްވައިފި

ސައިންސްގެ ދާއިރާއިން އަންހެނުންނަށް ފުރުޞަތު ފަހިކޮށްދިނުމަށް މެޑަމް ސާޖިދާ ގޮވާލައްވައިފި

Author
ޙަސަން މުޙައްމަދު
11 ފެބްރުއަރީ 2026 06:52
0

ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނާއި އަންހެން ކުދިންގެ ބައިނަލްއަޤުވާމީ ދުވަހާ ގުޅިގެން، އެ ދާއިރާއިން އަންހެނުންނަށް ހުރި ހުރަސްތައް ނައްތާލައި ފުރުޞަތުތައް ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.

މި ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވި މެސެޖެއްގައި އެކަމަނާ ފާހަގަކުރެއްވި ގޮތުގައި، ސައިންސްގެ ދާއިރާއަކީ ވަކި ޖިންސަކަށް ނުވަތަ ބަޔަކަށް ޚާއްޞަ ދާއިރާއެއްކަމަށް ދެކޭ ދެކުމުގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ގޭތެރެއާއި ކްލާސްރޫމްތަކުގެ އިތުރުން މަސައްކަތުގެ މާޙައުލުގައިވެސް އަންހެން ކުދިންނަށް ދަތިތަކާ ކުރިމަތިލާންޖެހޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ސައިންސާއި ހިސާބު ފަދަ މާއްދާތަކުން ފިރިހެން ކުދިންނާ އެއްވަރަށް ނުވަތަ އެއަށްވުރެ މޮޅަށްވެސް އަންހެން ކުދިން ނަތީޖާ ހޯދައެވެ. ނަމަވެސް، އެކުދިންގެ ހުނަރާއި ޤާބިލުކަން އެންމެ ފުރިހަމައަށް ބޭނުންކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ، ޅަޢުމުރުގައި ލިބެންޖެހޭ ހިތްވަރާއި ފުރުޞަތުތައް މަދުވުންކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ. މިއީ މުޅި ދުނިޔެއަށްވެސް ކުރިމަތިވެފައިވާ ސީރިއަސް މައްސަލައެއް ކަމަށާއި، މިކަން ޙައްލުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށް އެކަމަނާ ވިދާޅުވިއެވެ.

މިއަދަކީ ހަމައެކަނި ކާމިޔާބީތައް ފާހަގަކުރާ ދުވަހެއް ނޫން ކަމަށާއި، މިއީ ސައިންސްގެ ރޮނގުން ކުރިއަށްދާން ބޭނުންވާ ކުދިންނަށް ހިތްވަރުދޭ ބެލެނިވެރިންނާއި މުދައްރިސުންގެ އަގުވަޒަންކުރަންޖެހޭ ދުވަހެއްކަމަށްވެސް ރައީސްގެ އަނބިކަނބަލުން ވިދާޅުވިއެވެ. އެހެންކަމުން، ވަކި އަމާޒެއްގެ ދަށުން މަސައްކަތްކޮށް، ސައިންސްގެ ދާއިރާއިން އަންހެން ކުދިންނަށް ފުރުޞަތުތައް އިތުރުކޮށްދިނުމަށް އެކަމަނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.