ރަށު ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް، އިސްލާމީ ޝަރީއާގެ އުސޫލުން ދޫކުރާ ޚާއްސަ ދެ ޕްރޮޑަކްޓެއް އެސްއެމްއީ ޑިޖިޓަލް އިން ތައާރަފުކޮށްފި އެވެ.
"ގެސްޓްހައުސް ފައިނޭންސިންގ" އަދި "ގެސްޓްރޫމް ފައިނޭންސިންގ" ގެ ނަމުގައި ތައާރަފުކުރި މި ފެސިލިޓީތަކުގެ މައިގަނޑު ބޭނުމަކީ ރަށު ފަތުރުވެރިކަން ފުޅާކޮށް، އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ދިމާވާ މާލީ ދަތިތައް ހައްލުކޮށްދިނުމެވެ. އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވި ގޮތުގައި، މި ފެސިލިޓީތަކުގެ ސަބަބުން އަތޮޅުތެރޭގެ އިގްތިސާދު ކުރިއަރައި، ކައުންސިލްތަކުން ދޫކުރާ ބިންތަކުގައި ގެސްޓްހައުސް އިމާރާތްކޮށް ވިޔަފާރި ފެށުމަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ އެވެ.
މި ސްކީމްތަކުގެ ތެރެއިން "ގެސްޓްހައުސް ފައިނޭންސިން" ޚާއްސަކޮށްފައިވަނީ މަދުވެގެން ހަ ކޮޓަރީގެ ގެސްޓްހައުސްތައް އަލަށް އިމާރާތް ކުރުމަށާއި، މިހާރު ހުރި ތަންތަން މަރާމާތުކޮށް ޒަމާނީ ކުރުމަށެވެ. މި ފެސިލިޓީގެ ދަށުން 10 މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާއިރު، އަނބުރާ ދެއްކުމަށް 15 އަހަރުގެ މުއްދަތެއް ލިބެ އެވެ. އަދި ގްރޭސް ޕީރިއަޑްގެ ގޮތުގައި ދޮޅު އަހަރު ހިމެނޭއިރު، ޕްރޮޖެކްޓްގެ ޖުމްލަ ޚަރަދުގެ 20 ޕަސެންޓް އަމިއްލައަށް ހަމަޖައްސަން ޖެހެ އެވެ.
ދެވަނަ ޕްރޮޑަކްޓް ކަމަށްވާ "ގެސްޓް ރޫމް ފައިނޭންސިން" އަމާޒުކޮށްފައިވަނީ ފަސް ކޮޓަރިއަށްވުރެ އިތުރުނުވާ ގޮތަށް ހިންގާ ހޯމްސްޓޭ ވިޔަފާރިތަކަށާއި ލޯކަލް ގެސްޓްހައުސްތަކަށެވެ. މި ފެސިލިޓީގެ ދަށުން ވިޔަފާރިތަކާއި އަމިއްލަ ފަރުދުންނަށް 1.5 މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ލިބޭނެ އެވެ. މިއީ 10 އަހަރުން އަނބުރާ ދައްކާ ގޮތަށް، އެއް އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު ދޫކުރާ ފެސިލިޓީއެކެވެ. މީގައި ވެސް 20 ޕަސެންޓް އިކުއިޓީގެ ގޮތުގައި ބަހައްޓަން ޖެހޭއިރު، ފައިސާ ދޫކުރުމުގައި ބަލާނީ އެމީހަކަށް ލިބޭ މުސާރަ ނުވަތަ ވިޔަފާރިން ލިބޭ އާމްދަނީއަށް ބަލައި ފައިސާ އަނބުރާ ދެއްކުމުގެ ގާބިލުކަން ހުރި މިންވަރަށެވެ.
ކޮމެންޓު ފޮނުވާ