ހަލާކުވެދާނެތީ ދެ މިލިއަން ރުފިޔާގެ ހުއިފިލަނޑާ ނީލަމަށް

ހަލާކުވެދާނެތީ ދެ މިލިއަން ރުފިޔާގެ ހުއިފިލަނޑާ ނީލަމަށް

Author
އަހުމަދު
10 ފެބްރުއަރީ 2026 11:22
0

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ދެ މިލިއަން ރުފިޔާ އަގުހުރި ހުއިފިލަނޑާތަކެއް ހަލާކުވެދާނެ ކަމުގެ ބިރު އޮތުމުން ނީލަން ކިޔަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ކ. ތިލަފުށީ ގުދަނެއްގައި ރައްކާކޮށްފައި ހުރި މި ހުއިފިލަނޑާތައް، ވެރިފަރާތަށް އޮޅުވާލައި މަކަރާ ހީލަތުން ބަދަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވި، ފާއިތުވި ޑިސެމްބަރު 31 ގައި މައްސަލަ ފުލުހުންނަށް ހުށަހެޅިއެވެ. ތަހުގީގުން ހާމަވި ގޮތުގައި، ތިލަފުށިން ގެނެސް މި ތަކެތި ރައްކާކޮށްފައި ހުރީ މާލޭގެ ދެ ގެއެއްގައެވެ. ކޯޓު އަމުރަކާ އެކު ގެ ބަލައި ފާސްކޮށް، ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވެއެވެ.

ޖުމްލަ 1,438 ކިލޯ ހުރި މި ތަކެތީގެ ތެރޭގައި ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރުން މަނާ 787 ކިލޯ ހިމެނެއެވެ. ބައެއް ތަކެތި މިހާރު ވެސް ވަނީ ހަލާކުވެފައެވެ. މިލްކުވެރިކަމާ މެދު ދެ ފަރާތުންވެސް ދައުވާ ކުރާތީ ތަކެތި ރައްދު ކުރެވޭނެ ފަރާތެއް ކަނޑަ ނޭޅޭ ކަމަށާއި، ނީލަމުން ވިއްކާ ލިބޭ ފައިސާ މައްސަލަ ނިމެންދެން ބަހައްޓަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ލަފާ ދީފައިވެއެވެ. ތުހުމަތުކުރެވޭ ފަރާތް ކްރިމިނަލް ކޯޓަށް ހުށަހެޅި ނަމަވެސް، ތަކެތި ފުލުހުންގެ ބެލުމުގައި ބެހެއްޓުމަށް ކޯޓުން ވަނީ ގާނޫނީ ހުރަހެއް ނެތް ކަމަށް ކަނޑައަޅައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.