ބިދޭސީން އަތުން ނާޖާއިޒު މަންފާ ހޯދިކަމަށް ސާބިތުވެ އިމިގްރޭޝަން އޮފިސަރަށް ޖަލު ހުކުމެއް

ބިދޭސީން އަތުން ނާޖާއިޒު މަންފާ ހޯދިކަމަށް ސާބިތުވެ އިމިގްރޭޝަން އޮފިސަރަށް ޖަލު ހުކުމެއް

Author
ޙަސަން މުޙައްމަދު
10 ފެބްރުއަރީ 2026 05:11
0

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދާ ބައިވެރިވެގެން، މަގާމުގެ ނުފޫޒު ބޭނުންކޮށް ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދިކަމަށް އިއުތިރާފުވި އިމިގްރޭޝަންގެ އޮފިސަރު އިބްރާހީމް އަހުމަދު 11 މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މިދިޔަ އަހަރުގެ ރޯދަ މަހުގެ ތެރޭގައި ހިންގި މި ޖަރީމާގައި، ބިދޭސީއެއްގެ އަތުން ފައިސާ ނެގުމަށްފަހު އޭނާ ބަންދުން ދޫކޮށްލި ކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި ޝަމްއާންގެ އިތުރުން އިމިގްރޭޝަންގެ ހަތަރު މުވައްޒަފެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލިއެވެ. މީގެ ތެރެއިން އިބްރާހީމްގެ މައްޗަށް އުފުލި ތިން ދައުވާއަށް ވެސް ޝަރީއަތުގެ މަޖިލީހުގައި އޭނާ ވަނީ އިއުތިރާފުވެފައެވެ. އޭނާގެ މައްޗަށް ސާބިތުވެފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށާއި، ފޭރުމުގެ ކުށުގެ އިތުރުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ކުށެވެ.

އިބްރާހީމް ކުށަށް އިއުތިރާފުވެ ދައުލަތާއެކު ހެދި އެއްބަސްވުމުގެ ދަށުން، އަދަބުތަކަށް ވަނީ ލުއިތަކެއް ދީފައެވެ. އެގޮތުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށަށް ކަނޑައެޅި އެއް އަހަރާއި 12 ދުވަހުގެ ޖަލު ހުކުމުގެ ތެރެއިން ތަންފީޒުކުރަން ޖެހޭނީ ދެ މަސް ދުވަހެވެ. ބާކީ ބައި ވަނީ 62،400 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްފައެވެ. އަދި ފޭރުމުގެ ދައުވާއާ ގުޅިގެން އިއްވި ދެ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމުން ތަންފީޒުކުރަން ޖެހޭނީ ހަތް މަސް ދުވަހެވެ. މި ކުށުގެ ބާކީ ބައި 130،800 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކުރުމުގެ އިތުރުން، ގެއްލުން ލިބުނު ބިދޭސީ މީހާއަށް ބަދަލުގެ ގޮތުގައި 50،000 ރުފިޔާ ދިނުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މީގެ އިތުރުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ކުށަށް ކަނޑައެޅި އެއް އަހަރާއި 12 ދުވަހުގެ ހުކުމުން ވެސް ތަންފީޒުކުރަން ޖެހޭނީ ދެ މަސް ދުވަހެވެ. މި ކުށުގެ ބާކީ މުއްދަތު 62،400 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށް، ބިދޭސީ މީހާއަށް ލިބުނު ގެއްލުމުގެ ބަދަލަށް 3،500 ޑޮލަރު ދެއްކުމަށް ހުކުމްކޮށްފައިވެއެވެ. ޖުމްލަ ގޮތެއްގައި އިބްރާހީމް ޖަލުގައި ހޭދަކުރަން ޖެހޭނީ 11 މަހެވެ.

މި މައްސަލައިގައި ހިމެނޭ ކުރީގެ ކޮންޓްރޯލަރު ޝަމްއާން ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އޭނާ ވަނީ އިންކާރުކޮށްފައެވެ. އެހެންކަމުން އޭނާގެ މައްސަލަތައް ޝަރީއަތުގައި އަދިވެސް ކުރިއަށް އެބަދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.