ދެ އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު، މި ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހު އިސްރާއީލުން ރަފާހް ބޯޑަރު ހުޅުވާލި ނަމަވެސް، މިހާތަނަށް އެ ބޯޑަރު ހުރަސްކުރެވިފައިވަނީ ޖުމްލަ 397 މީހުންނަށް ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ބޯޑަރު ހުޅުވާލި ކަމުގައި ވިޔަސް، ދަތުރުފަތުރު ކުރުމަށް އޮތީ ބޮޑެތި ދަތިތަކެކެވެ. އިސްރާއީލު ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވެ، ހަރުކަށި ބަލައިފާސްކުރުންތައް ކުރިއަށްގެންދާތީ އެތަން ހުރަސްކުރުމަކީ ފަސޭހަކަމެއް ނޫނެވެ. ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުގެ މައުލޫމާތުތައް ބުނާގޮތުން، ބޯޑަރު ހުޅުވާލުމާއެކު 1،600 އެއްހާ މީހުން ހުރަސްކުރާނެކަމަށް ލަފާކުރެވުނު ނަމަވެސް، މިހާތަނަށް ޣައްޒާ ދޫކޮށް ދެވުނީ 225 މީހުންނަށެވެ. އަދި ޣައްޒާއަށް އެތެރެވީ 172 މީހުންނެވެ.
އިންސާނީ އެހީއާއި ބޭސްފަރުވާއަށް ޖެހިފައިވާ މީހުންގެ އަދަދު އިންތިހާއަށް މަތިވެފައިވާއިރު، ޙާލަތު އޮތީ ކަންބޮޑުވާންޖެހޭ ފަދަ ދަރަޖައެއްގައެވެ. ޚާން ޔޫނިސްގެ އަލް-ޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރު ޑރ. މުހައްމަދު އަބޫ ސަލްމިޔާ ފާހަގަކުރެއްވި ގޮތުގައި، އަވަސް ފަރުވާއަށް ބޭނުންވެފައިވާ 22،000 އާ ގާތްކުރާ އަދަދަކަށް ފަލަސްތީނުގެ ރައްޔިތުން ޣައްޒާގައި އެބަތިއްބެވެ. ނަމަވެސް މީގެ ތެރެއިން ފަރުވާއަށް ބޭރަށް ދެވުނީ ނިސްބަތުން ވަރަށް މަދު ބަޔަކަށެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މީގެ ކުރިން ވިދާޅުވެފައިވަނީ، ބޯޑަރު ހުޅުވުމުން ދުވާލަކު 50 މީހުންނަށް އާއިލާއާއެކު އެއްވެސް ހުރަހެއް ނެތި ދަތުރުކުރެވޭނެ ކަމަށެވެ. އެހެންނަމަވެސް، އަމަލީ ގޮތުން ކަން ހިނގަނީ އެހާ ފަސޭހަކޮށެއް ނޫނެވެ. މިސްރަށް އެތެރެވާން ބޭނުންވާ މީހުން ފުރަތަމަ މިސްރުގެ އިދާރާތަކުން ހުއްދަ ހޯދަންޖެހޭއިރު، އެ ނަންތައް އިސްރާއީލުގެ ޖާސޫސީ އިދާރާއަށް ފޮނުވައި، އެއީ ނިރުބަވެރި ޖަމާއަތަކާ ގުޅުން ހުރި ބައެއްތޯ ބެލުމަށްފަހު ނޫނީ ދަތުރުކުރުމުގެ ހުއްދައެއް ނުލިބެއެވެ.
އޮކްޓޫބަރު 7، 2023 ގައި އިސްރާއީލާއި ހަމާސްއާ ދެމެދު ހަނގުރާމަ ފެށުނު ފަހުން ރަފާހް ބޯޑަރު ބަންދުކޮށްފައި އޮތުމުގެ ސަބަބުން، ސިއްހީ ފަރުވާއަށް ބޭނުންވާ އެތައް ހާސް ބަޔަކު ވަނީ ބޭސްފަރުވާގެ ޒަރޫރީ ޚިދުމަތުން މަޙްރޫމުވެފައެވެ.
ކޮމެންޓު ފޮނުވާ