އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިންތިހާބުގައި ވާދަކުރުމަށް ނަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ނަން އަނބުރާ ގެންދަން ބޭނުންވާ ފަރާތްތަކަށް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކުރިގޮތުގައި، އެ ދުވަހު ކެންޑިޑޭޓުންގެ މެދުގައި ގުރުއަތު ނެގުމާ ހަމައަށް ނަން އަނބުރާ ގެންދެވޭނެއެވެ. ނަމަވެސް، ގުރުއަތު ނެގުމަށްފަހު ނަން އަނބުރާ ގެންދިޔަ ކަމުގައިވީނަމަވެސް، ވޯޓު ކަރުދާސްކޮޅުގައި އެ ކެންޑިޑޭޓެއްގެ ނަން އޮންނާނެކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
އިންތިހާބުގެ ތާވަލަށް ބަލާއިރު، ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމުގެ ފުރުސަތު މި ފެބްރުއަރީ މަހުގެ ތިންވަނަ ހަފްތާގައި ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރީ-ރަޖިސްޓްރީވި ފޮށީގެ މައުލޫމާތު އާއްމުކޮށް ޝަކުވާއަށް ހުޅުވާލުން މި މަހުގެ ފަހު ހަފްތާގައި އޮންނައިރު، ފައިނަލް ވޯޓާސް ލިސްޓް އާއްމުކުރުމަށް ހަމަޖެހިފައިވަނީ މާރިޗު މަހުގެ ފުރަތަމަ ހަފްތާގައެވެ. އޭޕްރީލް 4 ގައި ވޯޓުލުން ކުރިއަށް ގެންދިޔުމަށްފަހު، ވަގުތީ ނަތީޖާ އޭޕްރީލް 9 ގައި އަދި ރަސްމީ ނަތީޖާ އޭޕްރީލް 11 ގައި އިއުލާންކުރުމަށް ވަނީ ތާވަލުކޮށްފައެވެ.
މި ފަހަރުގެ އިންތިހާބުގައި ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ގޮތުން ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރެއެވެ. ކައުންސިލް އިންތިހާބުގައި 6 ސިޔާސީ ޕާޓީއަކުން 1210 ކެންޑިޑޭޓުންނާއި އަމިއްލަ ގޮތުން 401 ކެންޑިޑޭޓުން ވާދަކުރެއެވެ. އަދި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުގައި 5 ޕާޓީއަކުން 1116 ކެންޑިޑޭޓުންނާއި އަމިއްލަ ގޮތުން 267 ކެންޑިޑޭޓުން ވާދަކުރެއެވެ. ދެ އިންތިހާބުގައިވެސް އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވަނީ ވެރިކަންކުރާ ޕީއެންސީންނެވެ. އެއީ ކައުންސިލް އިންތިހާބަށް 665 ކެންޑިޑޭޓުންނާއި އަންހެނުންގެ ކޮމިޓީތަކަށް 658 ކެންޑިޑޭޓުންނެވެ. ދެވަނައަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ އެމްޑީޕީންނެވެ. މީގެ އިތުރުން އެމްޑީއޭ، ޖުމްހޫރީ ޕާޓީ، ދަ ޑިމޮކްރެޓްސް އަދި އަދާލަތު ޕާޓީންވެސް މި އިންތިހާބުގައި ވާދަކުރެއެވެ.
މި އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު 294،937 މީހުންނަށް ލިބިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 150،410 ފިރިހެނުންނާއި 144،527 އަންހެނުންނެވެ. ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ހިމެނޭހެން، ކޮންމެ ދާއިރާއަކުން 681 މީހުންނާއެކު، ޖުމްލަ 1،362 މީހުން މި އިންތިހާބުގައި ހޮވުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓު ފޮނުވާ