މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ބާޒާރުމަތީ ސަރަހައްދުގައި ތާރު އެޅުމުގެ ޢަމަލީ މަސައްކަތް މި ހަފުތާގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މަޢުލޫމާތު ދެއްވާ ގޮތުގައި، މަސައްކަތް ކުރިއަށްދަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ވަރަށް ބާރު ސްޕީޑެއްގައެވެ. މިގޮތުން މިހާރު މަގުގެ ސަބް-ބޭސް އެޅުމުގެ މަސައްކަތް ފަށާފައިވާއިރު، މި ހަފުތާގެ ތެރޭގައި 'އޭ.ބީ.ސީ' ފަށަލަ އެޅުމާއި ތާރު އެޅުމުގެ މަސައްކަތް ފެށިގެންދާނެއެވެ. މީގެ އިތުރުން މަގުބައްތި ޖެހުމާއި މަގުމަތީގެ ނިޝާންތައް ހަރުކުރުމުގެ މަސައްކަތްތައް ވެސް މި ހަފުތާގައި ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. އެ ކުންފުނީގެ އަމާޒަކީ މުބާރަކު ރަމަޟާން މަސް ފެށުމުގެ ކުރިން ބާޒާރުމަތީ މަގު ހެދުމުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލުމެވެ.
މަޝްރޫޢުގެ ދަށުން ކުރަންޖެހޭ އަސާސީ ގިނަ މަސައްކަތްތަކެއް މިހާރު ވަނީ ނިމިފައެވެ. އޭގެ ތެރޭގައި ބިން ހިއްކުމާއި، ޝީޓް ޕައިލް ކުރުމާއި، ޕެނަލް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. ހަމައެއާއެކު، ކޭބަލް ޖަންކްޝަންތައް ހެދުމާއި ފެނާއި ނަރުދަމާގެ މައި ހޮޅި އެޅުމުގެ މަސައްކަތްވެސް އެއްކޮށް ނިންމާލެވިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ. މި މަސައްކަތްތައް ނިމުމުން، ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް އޮންނަ 250 މީޓަރުގެ ސަރަޙައްދު ވެގެންދާނީ ދެކޮޅަށް ދުއްވޭ، އަދި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިފައިވާ ޒަމާނީ މަގަކަށެވެ.
މުޅި މި މަޝްރޫޢަކީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1,088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢެކެވެ. މީގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ 140 މީޓަރުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ. ސަރުކާރުން ޤަބޫލުކުރާ ގޮތުގައި މި މަޝްރޫޢު ނިމުމުން މާލޭގެ އުތުރު ފަރާތު ބަނދަރު ސަރަޙައްދުގެ ތޮއްޖެހުން ކުޑަވެ، މުދާ އުފުލުމާއި އާންމު ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
ކޮމެންޓު ފޮނުވާ