އައްޑޫ ޕޯޓުގައި ބޮންޑެޑް ޒޯނެއް ހަދައި، ޑިއުޓީ ފްރީކޮށް މުދާ ރައްކާކުރެވޭގޮތް ހަދަނީ

އައްޑޫ ޕޯޓުގައި ބޮންޑެޑް ޒޯނެއް ހަދައި، ޑިއުޓީ ފްރީކޮށް މުދާ ރައްކާކުރެވޭގޮތް ހަދަނީ

Author
ޙަސަން މުޙައްމަދު
07 ފެބްރުއަރީ 2026 11:21
0

އައްޑޫ ސިޓީ ހިތަދޫ ވިޔަފާރި ބަނދަރުގައި ކާބޯތަކެއްޗާއި އަސާސީ މުދާ ޑިއުޓީ ނުދައްކައި ބެހެއްޓޭނެ "ބޮންޑެޑް ޒޯން" ގެ ޚިދުމަތް ފެށުމުގެ އެއްބަސްވުމުގައި ސަރުކާރުން މިއަދު ސޮއިކޮށްފިއެވެ.

އައްޑޫ ހައި ސްކޫލްގައި މިއަދު ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މި މަޝްރޫއުގެ އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު މުހައްމަދު ސައީދެވެ. އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ރިޝްވާނެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަހަރުގެ ރިޔާސީ ބަޔާނުގައި އިއުލާންކުރެއްވި މުހިންމު ވައުދުފުޅެކެވެ.

މި އެއްބަސްވުމުގެ ދަށުން، ހިތަދޫ ބަނދަރުގައި ކާބޯތަކެއްޗާއި ދިރިއުޅުމަށް ބޭނުންވާ އަސާސީ މުދާ ޑިއުޓީ ފްރީކޮށް ގުދަން ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މީގެ އިތުރުން، ދެކުނުގެ ރިޒޯޓުތަކަށް އަމާޒުކޮށްގެން ބޮންޑެޑް ވެއާހައުސްގެ ޚިދުމަތް ދިނުމާއި، އިމާރާތްކުރުމަށް ބޭނުންކުރާ ހިލަ އާއި ހިލަވެލި ފަދަ ތަކެތި ބަލްކްކޮށް ރައްކާކުރެވޭނެ ޚާއްސަ ސަރަހައްދެއް ވެސް ގާއިމުކުރެވޭނެއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ފާހަގަކުރެއްވި ގޮތުގައި، ސަރަހައްދީ ބަނދަރުތަކުގެ ނަފާ އެންމެ ފުރިހަމައަށް ލިބޭނީ ވިޔަފާރި އުފެދޭނެ ފަދަ ޚިދުމަތްތައް އެ ތަންތަނުގައި ގާއިމުކޮށްދީގެންނެވެ. ހަމައެކަނި ބަނދަރެއް އޮތުމުން ވިޔަފާރި ނުއުފެދޭނެ ކަމަށާއި، މި ބަދަލާއެކު ދެކުނުގެ ވިޔަފާރިތަކަށް އާ ދިރުމެއް ލިބިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އެމްޕީއެލްގެ ސީއީއޯ ރިޝްވާން ވިދާޅުވީ، ސަރަހައްދީ ބަނދަރުތަކުގައި ޚިދުމަތްތައް ފުޅާކުރުމުން މާލޭ ވިޔަފާރި ބަނދަރަށް ބާރު ކުޑަވެ، އަތޮޅުތެރެއަށް ގެންނަ މުދަލުގެ އަގު ހެޔޮވެގެންދާނެ ކަމަށެވެ. އަދި މިއީ އައްޑޫ ސިޓީގެ އިގްތިސާދީ ދައުރު ފުޅާކޮށް، މުޅި ރާއްޖޭގެ ފުޑް ސެކިއުރިޓީ ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެމްޕީއެލް އިން ދެކެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.