ޖަލުތަކުގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލްކޮށް، އެއް ވިއުގައަކުން ގުޅާލައިފި

ޖަލުތަކުގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލްކޮށް، އެއް ވިއުގައަކުން ގުޅާލައިފި

Author
ޙަސަން މުޙައްމަދު
07 ފެބްރުއަރީ 2026 09:31
0

ރާއްޖޭގެ ހުރިހާ ޖަލެއްގައި ތިބި ޤައިދީންގެ މަޢުލޫމާތު އެއް ވިއުގައެއްގެ ތެރެއިން ޑިޖިޓަލްކޮށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުމަކީ، ކަރެކްޝަނަލް ސަރވިސްގެ މަސައްކަތްތައް ޒަމާނީވެ، އަމަލީ ސިފަޖެހިގެން ދިއުން ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހިންގުން ހަރުދަނާކުރުމަށް އެކުލަވާލި ސްޓްރެޓީޖިކް އެކްޝަން ޕްލޭނާއި، "މައި އެމްސީއެސް ޕޯޓަލް" އަދި "ޕްރިޒަނަރ ޑޭޓާ މެނޭޖްމަންޓް ސިސްޓަމް" އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވީ، މި ބަދަލާއެކު ޤައިދީންގެ ޒާތީ މަޢުލޫމާތާއި، ބޭސްފަރުވާގެ ރެކޯޑުތަކުގެ އިތުރުން އެމީހުންގެ ހަރަކާތްތައް އެއް ނިޒާމެއްގެ ތެރެއިން ފަސޭހަކަމާއެކު ބެލެހެއްޓިގެންދާނެ ކަމަށެވެ.

އާންމުންނަށް ޚިދުމަތް ދިނުމުގައި ގެނައި ލުއިފަސޭހަތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، އަލަށް ހުޅުވުނު އެމްސީއެސްގެ ފްރަންޓް އޮފީހާއި މައިއެމްސީއެސް ޕޯޓަލްގެ ސަބަބުން، ޚިދުމަތް ހޯދުމަށް ރައްޔިތުން މުއައްސަސާއަށް ހާޒިރުވާން ނުޖެހޭނެ ކަމަށެވެ. އަދި މިއީ އެކި ތަންތަނުން ދެމުން އައި ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށަށް ގެނެސް، ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ލިބޭނެ މަގު ތަނަވަސްވެގެންދިޔަ ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވަޒީރު ވަނީ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ ދުރު ވިސްނުންފުޅަށާއި މުވައްޒަފުންގެ މަސައްކަތަށް ތަޢުރީފު ކުރައްވާފައެވެ. ވަޒީރު ވިދާޅުވި ގޮތުގައި ކާމިޔާބު ޓީމެއް ބިނާވަނީ ރަނގަޅު ލީޑަޝިޕަކާއި އެކުގައި މަސައްކަތްކުރާ ހީވާގި ފައުޖެއް އޮވެގެންނެވެ. އަދި ކަރެކްޝަންސްގެ މިއަދުގެ ޓީމަކީ އެމަނިކުފާނު ފަޚުރުވެރިވާ ފަދަ ނަމޫނާ ބައެއްކަން ފާހަގަކުރެއްވިއެވެ.

މުއައްސަސާގެ ކުރިއަށް އޮތް 3 އަހަރުގެ ޕްލޭން އިފްތިތާޙްކޮށްދެއްވަމުން ވަޒީރު ވިދާޅުވީ، މިއީ ތަސައްވުރު ހަގީގަތަކަށް ހަދައި، ކާމިޔާބީ މިނެކިރޭނެ ގޮތްތައް ލިޔެވިގެންދިޔަ ތާރީޚީ ދުވަހެއް ކަމަށެވެ. މިއީ ފެށުމެއް ކަމަށާއި، ދެން އޮތީ އެ ޕްލޭނާ އެއްގޮތަށް 100 އިންސައްތަ ނަތީޖާ ނެރުމަށް މަސައްކަތް ކުރުން ކަމަށްވާއިރު، އެކަން ކާމިޔާބުވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.