ރާއްޖޭގެ އިޤްތިޞާދީ ޙާލަތާ ގުޅުވައިގެން ޙަޤީޤަތާ ޚިލާފު ޚަބަރު ފެތުރުމަކީ، އިންވެސްޓަރުންގެ މެދުގައި ނުތަނަވަސްކަން އުފެދި ޤައުމަށް ގެއްލުންވާ ކަމެއްކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖެއަކީ ބައިނަލްއަޤްވާމީ ވިޔަފާރީގެ މައިދާނުގައި އެހެން ޤައުމުތަކާ ވާދަކުރާ ޤައުމެއް ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ކުރިއެރުމަށް ނޭދޭ ބަޔަކު ބޭރުގައި ތިބި ނަމަވެސް، ޤައުމުގެ އެތެރެއިން ރާއްޖެއަށް ގެއްލުންވާ ގޮތަށް ޚަބަރުތައް ފެތުރުމަކީ ހައިރާންވެވަޑައިގަންނަވާ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވި ގޮތުގައި ރާއްޖޭގެ އިޤްތިޞާދަކީ ނާޒުކު އަދި ތަފާތު އިޤްތިޞާދެއްކަން ގިނަ އިންވެސްޓަރުން ޤަބޫލުކުރެއެވެ.
ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ބައެއް މީޑިއާތަކުން ގެނެސްދީފައިވާ، ރާއްޖެއާ ދެކޮޅު ނުވަތަ "ހޮސްޓައިލް" ލިޔުންތަކުގެ ސަބަބުން އިންވެސްޓަރުން ކަންބޮޑުވުން ފާޅުކޮށްފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ. މިފަދަ ދަނޑިވަޅުތަކުގައި، އެ ޚަބަރުތަކަކީ ޞައްޙަ މަޢުލޫމާތު ނޫންކަން ސާބިތުކޮށްދިނުމަށްޓަކައި، ކަމާބެހޭ އިދާރާތަކުގެ ރަސްމީ ހިސާބުތައް އިންވެސްޓަރުންނާ ހިއްސާކުރަން ޖެހުނު ކަމަށްވެސް ޒަމީރު ވިދާޅުވިއެވެ. އަދި ވާދަވެރި މާހައުލެއްގައި އަމިއްލަ ޤައުމުގެ މީހުން ޤައުމަށް ގެއްލުންވާ ގޮތަށް މަސައްކަތްކުރުމަކީ ދެރަވަރު ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އިޤްތިޞާދު ހަމަމަގަށް އެޅުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މިކަމާ ގުޅިގެން އިޤްތިޞާދީ މާހިރުން ވެސް ވިދާޅުވަނީ، ސިޔާސީ މަންފާއެއް ހޯދުމުގެ ނިޔަތުގައި ނުވަތަ ސަރުކާރު ބަލިކަށިކޮށްލުމުގެ ބޭނުމުގައި ހަގީގަތާ ޚިލާފު ވާހަކަތައް ފެތުރުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށެވެ. އަދި ހެއްކެއް ނެތި ދައްކާ މިފަދަ ވާހަކަތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުމުގެ އަސަރު ސީދާ ރައްޔިތުންނަށް ކުރާނެތީ، ޤައުމީ މަސްލަހަތު އިސްކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ