ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، ރާއްޖޭގެ އިތުރު 10 ރަށެއްގައި އިސްލާމީ މަރުކަޒު ޤާއިމުކުރުމުގެ މަސައްކަތް މިއަހަރު ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، އަލަށް ފަށާ މި މަޝްރޫޢުތަކުގެ ތެރެއިން ތިން މަރުކަޒެއްގެ މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި މިދިޔަ ޖަނަވަރީ މަހުގެ 21 ވަނަ ދުވަހު ސޮއިކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، މިއަހަރުގެ ތެރޭގައި އިތުރު 17 ރަށެއްގައި މިސްކިތް އެޅުމުގެ މަސައްކަތް ވެސް ފެށިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދީނީ ކަންކަން ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ވޭތުވެދިޔަ އަހަރު މިސްކިތްތަކާއި، އިސްލާމީ މަރުކަޒުތަކާއި، ޤުރުއާނާ ބެހޭ މަރުކަޒުތައް އަދި ވަޤުފް ބިނާތައް ހިމެނޭހެން ޖުމްލަ 90 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ. އޭގެ ތެރެއިން ހއ. ދިއްދޫ އިސްލާމީ މަރުކަޒާއި 10 މިސްކިތެއްގެ މަސައްކަތް ނިންމައި ހުޅުވާފައިވާއިރު، ކުރިއަށް އޮތް ރަމަޟާން މަސް ފެށުމުގެ ކުރިން އިތުރު 8 މިސްކިތެއް ހުޅުވުމަށް ތައްޔާރުވަމުންދާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އާ މިސްކިތްތައް ބިނާކުރުމުގެ އިތުރުން، މިހާރު ހުރި މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމަށް ވެސް ޚާއްސަ ސަމާލުކަމެއް ދެއްވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖޭގެ އެކި ރަށްރަށުގެ މިސްކިތްތައް މަރާމާތުކުރުމަށް 19.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މި އަހަރު އެކަމަށް 15 މިލިއަން ރުފިޔާ ބަޖެޓުގައި ހަމަޖައްސަވާފައިވާނެކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ