އަންނަ މާޗްމަހުން ފެށިގެން 20 އަށް ވުރެ މަދު ބިދޭސީން ގެންގުޅޭނަމަ ކޯޓާ ފީ ދައްކަން ނުޖެހޭނެ

އަންނަ މާޗްމަހުން ފެށިގެން 20 އަށް ވުރެ މަދު ބިދޭސީން ގެންގުޅޭނަމަ ކޯޓާ ފީ ދައްކަން ނުޖެހޭނެ

Author
އަލީ ރައޫފް
05 ފެބްރުއަރީ 2026 11:44
0

ވިއްސަށް ވުރެ މަދު އަދަދަކަށް ބިދޭސީން ގެންގުޅޭ ވިޔަފާރިތަކުން، އަހަރީ ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް ހަމަޖައްސަވައި، އެކަމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއި ދިނުމުގެ ގޮތުން، 20 ކޯޓާއަށް ވުރެ މަދުން ބިދޭސީން ގެންގުޅޭ ކުންފުނިތަކުން މިއަހަރުގެ މާޗު މަހުން ފެށިގެން އަހަރީ ކޯޓާ ފީ ދައްކަން ނުޖެހޭނެ ކަމަށެވެ. އަދި މިކަން ތަންފީޒުކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް، ހިނގަމުންމިދާ މަޖިލީހުގެ ފުރަތަމަ ދައުރުގެ ކުރީކޮޅު ހުށަހަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން، ކުދި އަދި މެދުފަންތީގެ ކެފޭ ރެސްޓޯރަންޓްތައް ރަޖިސްޓަރީ ކުރުމަށް ނަގަމުން އައި ފީ، ކުރިއަށް އޮތް ދެ އަހަރަށް 50 އިންސައްތަ ކުޑަކުރެވިފައިވާކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

ވިޔަފާރިތަކަށް ދިމާވެފައިވާ އޮންލައިން ޕޭމަންޓުގެ ދަތިކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތައާރަފްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ލަސްތަކެއް ނުވެ އެ ޚިދުމަތް ލިބޭނެ ކަމަށެވެ. އަދި ފައިސާގެ މުއާމަލާތްތައް ފަސޭހަކުރުމަށް ދިވެހި މަލްޓި ކަރެންސީ ޑިޖިޓަލް ވޮލެޓު "ސްވައިޕް" މިހާރު ތައާރަފްކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ހަމައެއާއެކު، އަލީބާބާ ގުރޫޕާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ދިވެހި އުފެއްދުންތައް ބައިނަލްއަގުވާމީ ބާޒާރުގައި ވިއްކުމުގެ ފުރުސަތު މިހާރު ފަހިވެފައިވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.