މި އަހަރު ރާއްޖެއަށް 2.5 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފައި، އަންނަ 2027 ވަނަ އަހަރަކީ "ވިޒިޓް މޯލްޑިވްސް އިޔާ" ގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދުގެ މައިބަދަ ކަމުގައިވާ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ބޮޑެތި އަމާޒުތަކެއް ހިފާފައިވާ ކަމަށެވެ. އެގޮތުން ބަޖެޓުގައި ކުރިން އަންދާޒާކޮށްފައިވާ 2.4 މިލިއަން ފަތުރުވެރިންގެ އަދަދު މަތިކޮށް، މިއަހަރު ނިމޭއިރު 2.5 މިލިއަން ފަތުރުވެރިން ގެނައުމަކީ އަމާޒެއް ކަމަށާއި، މިއީ 11.3 އިންސައްތައިގެ ކުރިއެރުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި އަމާޒުތައް ހާސިލުކުރުމަށްޓަކައި ހިންގާ ގައުމީ ބޮޑު ހަރަކާތެއްގެ ގޮތުން، 2027 ވަނަ އަހަރު ޚާއްސަ ކުރަނީ "ވިޒިޓް މޯލްޑިވްސް އިޔާ" ގެ ގޮތުގައެވެ. ރައީސް ވިދާޅުވީ މިއީ ފަތުރުވެރިކަމުގެ ސިނާއަތާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގުޅިފައިވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހުރިހާ ފަރާތްތަކެއް ޝާމިލުވާނެ ގައުމީ ބޮޑު ހަރަކާތަކަށް ވެގެންދާނެ ކަމަށެވެ.
ފާއިތުވި އަހަރުގެ ތަފާސްހިސާބުތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، މިދިޔަ އަހަރު ރާއްޖެއަށް 2.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 9.8 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި މިދިޔަ އަހަރު ފަތުރުވެރިކަމުން 5.55 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނުއިރު، މިއަހަރު އެ އަދަދު 5.6 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެމްއެމްއޭއިން އަންދާޒާކުރާކަން ވެސް ފާހަގަކުރެއްވިއެވެ.
މިދިޔަ އަހަރު ސަރުކާރުން ކަނޑައެޅި 2.3 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލުނުވެ، ލައްކައެއްހާ ފަތުރުވެރިން މަދުވި ނަމަވެސް، މިއަހަރުގެ އަމާޒު ހާސިލުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.
ކޮމެންޓު ފޮނުވާ