ކޮންމެ ދިވެއްސަކީ 10 ރިސޯޓުގެ ހިއްސާދާރެއް: ލިބޭ ފައިދާ ކޮންމެ ދިވެއްސެއްގެ އެކައުންޓަށް ޑޮލަރުން ޖަމާކޮށްދެނީ

ކޮންމެ ދިވެއްސަކީ 10 ރިސޯޓުގެ ހިއްސާދާރެއް: ލިބޭ ފައިދާ ކޮންމެ ދިވެއްސެއްގެ އެކައުންޓަށް ޑޮލަރުން ޖަމާކޮށްދެނީ

Author
އަހުމަދު
05 ފެބްރުއަރީ 2026 10:45
0

ސަރުކާރުން ތަރައްގީކުރާ 10 ރިސޯޓެއްގެ ހިއްސާދާރުންގެ ގޮތުގައި ހުރިހާ ރައްޔިތުން ހަމަޖައްސައި، އެ ތަންތަނުން ލިބޭ ފައިދާ ކޮންމެ މީހެއްގެ އެކައުންޓަށް ޑޮލަރުން ޖަމާކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް އިއުލާނު ކުރެއްވި މި އައު ސިޔާސަތުގެ ދަށުން، ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިއަށް އޮތް ތިން އަހަރު ތެރޭގައި މަދުވެގެން 10 ރިސޯޓު ތަރައްގީ ކުރާނެއެވެ. އަދި ޚާއްސަ ގާނޫނަކުން ކަނޑައަޅައިގެން، ދިވެހި ކޮންމެ ރައްޔިތަކީ އެ ރިސޯޓުތަކުގެ ހަމަހަމަ ހިއްސާދާރެއް ކަމުގައި ހަމަޖައްސަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ރައްޔިތުންގެ ސީދާ ބައިވެރިވުން އޮންނާނެ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އޮތް ކޮންމެ މީހަކަށް މީގެ މަންފާ ލިބޭނެ ކަމަށެވެ. އެގޮތުން ލިބޭ ފައިދާ ބަހާނީ އެއްވެސް މީހަކު ބާކީ ނުވާނެހެން، ސީދާ ރައްޔިތުންގެ ބޭންކު އެކައުންޓްތަކަށް ބޭރު ފައިސާއިން ކަމަށް ވެސް ވިދާޅުވިއެވެ.

މި މަޝްރޫއުގެ ނަފާ ރައްޔިތުންނަށް ލިބެން ފަށާނެ ކަމަށް ލަފާކުރެވެނީ 2030 ވަނަ އަހަރުން ފެށިގެންނެވެ. ރައީސް ވިދާޅުވި ގޮތުގައި އަންދާޒާ ކުރެވޭ ގޮތުން ކޮންމެ ރައްޔިތަކަށް އަހަރަކު މަދުވެގެން 400 ޑޮލަރު ޖެހޭނެއެވެ. އެހެންކަމުން ފަސް މީހުންގެ އާއިލާއަކަށް ބަލާނަމަ، އަހަރަކު 2،000 ޑޮލަރު ލިބިގެންދާނެ ކަމަށާއި، މިކަން ހަގީގަތަކަށް ހެއްދެވުމަށް މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.