ޗާގޯސް ނުވަތަ ފޯޅަވަހީގެ މައްސަލާގައި މޮރިޝަސްގެ ބޮޑުވަޒީރަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީ އަނބުރާ ގެނައުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ފެށުމަށް މިއަދު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ގެއްލިފައިވާ ކަމަށް ބުނާ ކަނޑުގެ ސަރަހައްދު ހިމެނޭހެން ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދު (އީއީޒެޑް) ކަނޑައަޅުއްވައި، އެކަން ރަސްމީކޮށް އިއުލާނު ކުރައްވާ ކަމަށެވެ.
ކުރީގެ ސަރުކާރުން މޮރިޝަސްއަށް ފޮނުވި ސިޓީއާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް، ރައީސް މުއިއްޒު މިއަދު ވިދާޅުވީ އެ ސިޓީ އަނބުރާ ގެނައުމަކީ މި މައްސަލައިގައި ރާއްޖޭގެ ސިޔާދަތީ ބާރު ހިމާޔަތްކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އެއްވެސް މިންވަރެއް ދޫނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައި، މިއަދު އިއުލާނު ކުރެއްވި ގޮތަށް އެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ