ރަމަޟާން މަހަށް 8 މިސްކިތް ހުޅުވައި، މާލޭގެ ބޮޑެތި މިސްކިތްތައް އޭސީކުރަނީ

ރަމަޟާން މަހަށް 8 މިސްކިތް ހުޅުވައި، މާލޭގެ ބޮޑެތި މިސްކިތްތައް އޭސީކުރަނީ

Author
އަހުމަދު
05 ފެބްރުއަރީ 2026 09:47
0

ކުރިއަށް އޮތް ރަމަޟާން މަސް ފެށުމުގެ ކުރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަލަށް އިމާރާތްކުރި 8 މިސްކިތެއް ހުޅުވައި، މާލެ ސަރަހައްދުގެ ބޮޑެތި މިސްކިތްތައް އޭސީކުރުމުގެ މަސައްކަތް ނިންމަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، މިސްކިތްތައް ބިނާކުރުމާއި އިސްލާމީ މަރުކަޒުތައް ގާއިމުކުރުމަށް ސަރުކާރުން ދަނީ ބޮޑު އިސްކަމެއް ދެމުންނެވެ. އެގޮތުން ވޭތުވެދިޔަ އަހަރު އެކަނިވެސް 90 މަޝްރޫއެއްގެ އަމަލީ މަސައްކަތް ކުރިއަށް ގެންގޮސްފައިވާއިރު، އޭގެ ތެރޭގައި 74 މިސްކިތަކާއި 7 އިސްލާމީ މަރުކަޒުގެ މަސައްކަތް ހިމެނެއެވެ. މީގެ ތެރެއިން ހއ. ދިއްދޫ އިސްލާމިކް ސެންޓަރާއި އިތުރު 10 ރަށެއްގެ މަސައްކަތް މިހާރު ވަނީ ނިންމާލެވިފައެވެ.

މިސްކިތްތައް އަލަށް އިމާރާތްކުރުމުގެ އިތުރުން، މަރާމާތަށްވެސް ހާއްސަ ސަމާލުކަމެއް ދީފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ނިމިދިޔަ އަހަރު މިސްކިތްތަކުގެ މަރާމާތަށް 19.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މި ހިނގާ އަހަރަށްވެސް އެކަމަށް 15 މިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށްފައެވެ. އަދި މާލެ ސަރަހައްދުގައި ހުރި 800 މީހުންގެ ޖާގައިގެ މިސްކިތްތަކުގެ މައި ހޯލާއި އަންހެނުން ނަމާދުކުރާ ބައި އޭސީ ކުރުމަށް ފަށާފައިވާ މަޝްރޫއުގެ ދަށުން، ރޯދަ މަސް އައުމުގެ ކުރިން 8 މިސްކިތެއްގެ މަސައްކަތް ނިންމާލެވޭނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ކުރިމަގުގެ ތަސައްވުރަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، މިއަހަރުގެ ތެރޭގައި އިތުރު 10 ރަށެއްގައި އިސްލާމީ މަރުކަޒު އެޅުމަށާއި 17 ރަށެއްގައި އާ މިސްކިތް އެޅުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. މީގެ އިތުރުން ހުޅުމާލޭގައި ބިނާކުރާ ގްރޭންޑް މިސްކިތުގެ އަމަލީ މަސައްކަތްވެސް މިއަހަރު ފެށިގެންދާނެއެވެ. ހަމައެއާއެކު، ޤުރުއާން ހިތުދަސްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ހާފިޒުންގެ އެލަވަންސް 2000 ރުފިޔާއިން 4000 ރުފިޔާއަށް ބޮޑުކޮށްފައިވާކަން ފާހަގަކުރައްވައި، ނިމިދިޔަ އަހަރަކީ ރެކޯޑު އަދަދަކަށް (30 ހާފިޒުން) ދަސްވެނިވި އަހަރެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.